ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުއާ އެކީ ކޮންޓްރެކްޓް ހެދީ ފަންނީ ލަފާ ހޯދަން ބޭނުންވާ ގޮތަށާއި މުވައްޒަފުން ތަމްރީން ކުރުމާއި ގަވާއިދު ހެދުމަށް ލަފާ ހޯދުމަށް ކަމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފިއެވެ.
ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސްގެ ވަޒީފާއަށް ނިކުންނެވުމަށް ޚާއްސަ އުސޫލެއް ހަމަޖައްސަވަމުންދާތީ އެކަމާއި ގުޅޭގޮތުން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށްބުނެ، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމުމާއި ގުޅިގެން އެ ކޮމިޝަންގެ މެމްބަރުން މިއަދު ވަނީ ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ދެއްވާފައެވެ.
މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ މެޑަމް ސާޖިދާއެކީ ކޮންޓްރެކް ހެދީ ފަންނީ ލަފާ ހޯދުމަށް ކަމަށާއި އެއީ ގަޑިއިރަކަށް 75ރ. ގެ ރޭޓުން ކަމަށެވެ.
ސީއެންސީން ބުނެފައިވަނީ، ފަސްޓް ލޭޑީއަކަށް ވެވަޑައިގެންނެވި ނަމަވެސް އަދާކުރައްވަމުން ގެންދެވި ވަޒީފާ އަދާކުރައްވަން ބޭނުންވާކަމަށް އެމަނާ ވިދާޅުވާކަމަށް ސީއެސްސީން ބުނެފައި ވެއެވެ. އަދި އެކަން ސީއެސްސީއަށް ހުށަހެޅި ހެލްތު މިނިސްޓްރީންކަމަށްވެސް އެ ކޮމިޝަނުން ކޮމިޓީގައި ބުނެފައި ވެއެވެ.
ސީއެސްސީ ބުނެފައިވަނީ، އެކަމަށް އެދި ހެލްތު މިނިސްޓްރީން ސީއެސްސީއަށް ފޮނުވި ސިޓީގައި ވާގޮތުން، ފަސްޓު ލޭޑީއަކީ އެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށް އަދި ދާއިރާގެ ފަންނީ ތަޖުރިބާ ހުރި ބޭކަބަލެއް ކަމަށާއި، އެކަމަނާގެ ފަންނީ ލަފާއާއި އެހީތެރިކަން އެ މިނިސްޓްރީއަށް ބޭނުންވާ ކަމުގައެވެ.
އަދި ސީއެސްސީން ބުނެފައިވަނީ ފަސްޓް ލޭޑީއަށް އެކަނި ޚާއްސަ އުސޫލެއް ހަދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ސިވިލްސާވިސްގެ ވަޒީފާއިން ވަކިވަނީ ރައީސް ސިޔާސީ މަގާމަކަސް އައްޔަން ކުރުމުން ކަމަށާއި، އެކަމަނާއަކީ ރައީސް އައްޔަންކުރި ވަޒީފާއއްގައި ހުރި ފަރާތެއް ނޫންކަމަށްވެސް ސީއެސްސީއިން ކޮމިޓީއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ރައީސްގެ އަނބިކަނބަލުންނަށް ވީތީ ވަޒީފާއިން ވަކިވާނެ ކަމަށް ގާނޫނަކު ނެތް، އިތުރު ގޮތެއް ނިންމޭނީ ގާނޫނަށް ބަދަލު ގެނެސްގެން، ފަސްޓް ލޭޑީއަށް ވީތީ ވަކިން "ހާއްސަ އުސޫލެއް" ނުވަތަ އިތުރު އުސޫލެއް ހަދާފައި ނެތް، މީ މިހާރު ވެސް ގެޒެޓުގައި އާންމު ކުރެވިގެން މިހާރު ވެސް ހިނގަމުންދާ ކަންކަން
ސީއެސްސީގެ ނާއިބު ރައީސް ވިދާޅުވެފައި ވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ފަސްޓު ލޭޑިއަކަށް ވުމުން ވަޒީފާ އަދާކުރުމުގައި ހުރަހެއް ނެތްކަމުގައެވެ. އެހެންކަމުން ކޮމިޝަނުން ބަލާފައިވަނީ، ފަސްޓް ލޭޑީގެ ޒިންމާ އަދާކުރަމުން ފުލް ޓައިމްކޮށް މަސައްކަތަށް ވަގުތު ނުދެވޭނެތީ 2014 ވަނަ އަހަރު އެކުލަވާލި ސީއެސްސީގެ ގަވާއިދުގެ ތެރެއިން އެކަމަނާއަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމުގައެވެ.
ގަވާއިދަކުން ތަން ނުދޭ ދާއިމީ ވަޒީފާއަކުން ލުއި ދޭކަށް އެހެންނަމަވެސް، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް ތަން ދޭ، އަދި ފަސް އަހަރު ދުވަހަށް ނޯ ޕޭ އަށް ދިޔުމަށް ވެސް ގާނޫނުން ތަނެއް ނުދޭ، އެންމެ ގިނަވެގެން ދެވެނީ ހަތަރު އަހަރަށް، އެހެންވީމަ ސީއެސްސީގެ ގަވާއިދުގެ ދަށުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންވާ ކަންކަން ވޭޖް އެމްޕްލޯއީމަންޓްގެ ދަށުން ސާޖިދާއަށް ކޮށްދެވޭނެ.
ނާސިހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާލުވީ ވަޒީފާ އަދާކުރުމުގައި ފަސްޓް ލޭޑީ އެއްވެސް މުސާރައެއް ބޭނުން ނުވާކަމުގައެވެ. އެހެންނަމަވެސް ސީއެސްސީގެ ގަވާއިދުގައިވާ ގޮތުން އުޖޫރައަކާ ނުލާ އެއްވެސް މީހަކުލައްވާ މަސައްކަތް ކުރުމަށް އެކޮމިޝަންގެ ގަވާއިދުން ތަން ނުދޭތީ، ފަސްޓް ލޭޑީ ކޮންޓްރެކްޓް އުސޫލުން، ގަޑިއަކަށް 75 ރުފިޔާއަށް ކަމުގައެވެ.
މިނިސްޓްރީން އެކަމަށް އެދުމުން މި މަހުގެ ހަތް ވަނަ ދުވަހު ވޭޖް އެމްޕްލޯއީމަންޓް ކޮންޓްރެކްޓް ގައި ސޮއިކުރީ ހަތަރު އަހަރަށް ނޯ ޕޭ އަށް ދިޔުމަށް، އަދި ފަންނީ ލަފާ ހޯދަން ބޭނުންވާ ގޮތަށާއި މުވައްޒަފުން ތަމްރީން ކުރުމާއި ގަވާއިދު ހެދުމަށް ލަފާ ހޯދުމަށް އޭގައި ހިމެނީ، ކޮންމެ މަހަކު ވެސް އެންމެ ގިނަ ވެގެން 48 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއިރަކަށް 75 ރުފިޔާގެ މަގުން، އެހެންވީމަ، އެންމެ ގިނަ ވެގެން ވެސް މަހަކު ލިބޭނީ 3،000 ރުފިޔާ.
ނާސިހު ވިދާޅުވިއެވެ.
ނާސިހު ވިދާޅުވީ މިއީ ފަސްޓް ލޭޑީއަށް ޚާއްސަ ކޮށްފައިވާ އުސޫލެއް ނޫންކަމަށާއި، މި އުސޫލުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީގައި ދެ މުވައްޒަފުން، ހައުސިންގ މިނިސްޓްރީގައި ތިން މުވައްޒަފަކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ.