ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން ފަށައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވާފައިވަނީ މާލެ އާއި، ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކަމަށާއި އެކަމުގެ އިދާރީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
"މިއަދު ގެންނަވަން މި ފެއްޓެވި ބަދަލުތައް އެކީ ފުރިހަމަވުމުން، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދެއްވަމުން ގެންދަވާނީ މާލެ ސިޓީ ކައުންސިލުންނެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.
މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތަށް ނިންމަވާފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެންމެ ފަހުން ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އެގޮތުން ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލާއި ހަވާލުކުރާނެ ކަމަށާއި ހުރިހާ ވަސީލަތްތަކާއެކީ ހިދުމަތް ދެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ޕާކިންގެ މައްސަލަ އުޅޭކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކައުންސިލްގެ މޭޔަރަކަށް ހުންނެވިއިރު ދާއިރާގެ މެންބަރާއި ގުޅިވަޑައިގެން ހުޅުމާލޭގައި ބޮޑު ޕާކިން ޒޯންއެއް ހެދުމަށް ޕްލޭން ކުރެވުނު ކަމަށާއި އެކަން ނުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް އާބަންކޯއިން ދޭތީ ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ހުޅުމާލޭގައި ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ފޭސް 1 އަދި 2 ގައި ޕާކިންގ ޒޯންތަކެއް ހަދާނެ ކަމަށް ވިދާޅުވިއެވެ.