ކަދުރު ރުއްތަކުގައި ބެނާ ނުދަމަން ސިޓީ ކައުންސިލުން އަންގައިފި

ކަދުރު ރުއްތަކުގައި ބެނާ ނުދަމަން ސިޓީ ކައުންސިލުން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 04:28
0

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގައި ކެމްޕެއިން ބެނާތައް ހަރުނުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ޕާޓީތަކުން ކަދުރު ރުއްތަަކުގައި ކެމްޕޭން ބެނާ ދަމާފައިވާ ކަމަށެވެ. އޭގެ ސަބަބުން ރުއްތަކަށް ގެއްލުން ވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކެމްޕެއިންގެ އެއްވެސް ބެނާއެއް ނުވަތަ ދިދަފަތިތައް ކަދުރު ރުއްތަކުގައި ހަރުނުކުރުމަށާއި އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެން ހޮޅިދަނޑީގައި ބެނާ އާއި ދިދަފަތި ދެމުމަށް ސިޓީ ކައުންސިލުން އިލްތިމާސްކުރިއެވެ.

ބޮޑުތަކުރުފާނުގައި މަގުގެ ދެކުނު ފަރާތުގައި އެއްކޮޅުން އަނެއްކޮޅަށް ކަދުރު ރުއްތައް އިންދީ 100،000 ކަދުރުގަސް ޕްރޮގްރާމްގެ ދަށުން، ސިޓީ ކައުންސިލްގެ ބަޖެޓުން ދެ މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެންނެވެ.

ކަދުރު ރުއްތައް ގެނެސް އިންދުމުގެ ބޭނުމަކީ މާލޭގެ މަލަމަތި ފެހިކޮށް، މަދުން ފަތް ފައިބާ ބާވަތްތަކުގެ ގަސްތައް އިންދައި މަގުތައް ސާފުކޮށް ބޭއްވުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.