ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުމާއިއެކު އިދިކޮޅު ކޯލިޝަނުން ކުރަމުންދާ "ފައިޓް" އަދި މިފެށުނީކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ހުކުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ ޔާމީންގެ މަގާމުގައި ހުރި ނަމަ ކުރާނެ އިހުސާސްތަކަކީ ކޮބައިތޯ މިއަދު މި ގައުމުގެ ކޮންމެ ރައްޔިތަކު ހުއްޓިފައި އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ ކަމަށެވެ. ދަށު ކޯޓުގެ ފަޑިޔާރު ގޯސް ހުކުމެއް ކުރުމުން މަތީ މަރުހަލާގެ ކޯޓުގެ ފަޑިޔާރު އެޔަށް ލޯމަރާލާއި ޗުއްޓީއާއި އެހެންތަންނަނަށް ދާންވީ ކަމަށް ޖަމީލް ވިދާޅުވިއެވެ. ދެން އެ ހިސާބުން އެމީހެއްގެ އެންމެ އަސާސީ ހައްގުތައް ނިގުޅައިގެން ދަނީ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު މި ނިގުޅައިގަތީ ދިވެހި އެތަށް ރައްޔިތުން ދިވެހި ގައުމަށް އެތައް ބަދަލުތަކެއް ގެނައި ލީޑަރެއްގެ ހައްގުތައް. ގައުމު ވުޖޫދުވެގެން އައިސްސުރެ މިއަދާއި ހަމައަށް ދިވެހި ގައުމަށް އަގުނުކުރެވޭ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެއް.
– ޖަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވ. އާރަށު މައްސަލަ އާއި ރައީސް ޔާމީނާ ގުޅުވާލެވޭ ގޮތެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަށްވެސް ހުކުމްގައި ބުނެދެވިފައި ނެތް ކަމަށެވެ. ވ. އާރަށު މައްސަލައިގައި ޔޫސުފު ނައީމު ރިޝްވަތު ދިން ކަމަށް ބުނާއިރު އެކަން ސާބިތުނުވާ ކަމަށާއި އާރަށު މައްސަލައިގައި ޔޫސުފު ނައީމާއި ޔާމީނާ ގުޅޭ އެއްވެސް ހެއްކެތް ނެތް ކަމަށް ތަކުރާރުކޮށް ޖަމީލް ވިދާޅުވިއެވެ. އަދި ވ. އާރަށު މައްސަލައިގައި ދައުލަތުން ޝަފަވީ ހެކީގެ ގޮތުގައި ހުށަހެޅީ މި ސަރުކާރުން ގަނެފައިވާ ހެކި ކަމަށް ޖަމީލު ތުހުމަތު ކުރެއްވިއެވެ.
މި ސަރުކާރުން ގަނެފަ، މި ސަރުކާރުން ކާން ދީފަ، މި ސަރުކާރުން ގޭ ތެރޭގައި ބައިންދާފައި ތިބި ހެކިން.
– ޖަމީލް ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ގާނޫނުއަސާސީން ލިބޭ ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު މާނަކުރެވޭ ގޮތް ހަނިވެގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފުގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ޔާމީން ގަބޫލުކުރައްވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ