ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ އެޖެންޑާކޮށް ޖަލްސާ ފެށިތާ 50 ސިކުންތުތެރޭ ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް އިޞްލާހުކުރަން ޖެހޭކަމަށް ވިދާޅުވެ، ދައުރުން ބޭރުން ބޭއްވެވި ޖަލްސާގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ޖަލްސާ ވަނީ ނިންމާލާފައެވެ. މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ބައެއް މެންބަރުން، އެމެންބަރުން ތަމްސީލު ކުރެއްވި ޕާޓީން ވަކިވެވަޑައިގެންފައިވާތީ ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އަލުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަފީފް އެ ވިދާޅުވި ދެ މެންބަރުންނަނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ. އެ ދެމެންބަރުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
މިމައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއަށް ދައުވަތު ދިނީ ވަރަށް ވަގުތު ކުޑަތަންވެފަ އޮއްވާކަމަށެވެ. އަދި މިއަދު ޖަލްސާ ބާއްވަ ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ބަދަލު އަންނަކަން އެނގޭނީ މަޖިލިސްގެ ޖަލްސާ ފެށުމުން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ވަގުތަށާއި، ހާލަތަށްވެސް އެއްވެސް ރިޢާޔަތް ކުރުމެއްނެތި ޖަލްސާ ނިންމާލީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ދަންނަ ކަމެއް ނޫން. ކޮމެޓީތައް އެކުލަވާލުމުގައި ޢަމަލު ކުރަންޖެހޭ ގޮތަކަށްނޫން މަޖިލީހުގެ ރިޔާސަތުން ޢަމަލުމިކުރީ، މިއަދަކު ނޫން ދެ މެމްބަރަކު އެމްޑީޕީން ވަކިވިކަން އެނގޭނީ. މިއީ މަޖިލީހުގެ މެމްބަރުންނަށާއި، މަޖިލީހުގެ އިދާރީ މުވައްޒިފުންނަށްވެސް އިޚުތިރާމު ނުކުރާކަން އެނގޭ ވަރަށް ބޮޑު ހެއްކެއް.
– އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް އެދުނީ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތަކެއް ނިންމުމަށް ނަމަވެސް، މަޖިލީހުގެ މަސައްކަތައް ކުރިއަށް ނުގެންދަވާތީ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައިމިވަނީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވުމުންނެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ނިންމެވީ، އެމްޑީޕީގެ ބައެއް މެންބަރަކު އެޕާޓީން ވަކިވެވަޑައިގަތުމުން ކޮމިޓީތަކުގައި ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ބަދަލު އަންނާނެތީއެވެ.
ކޮމެންޓު ފޮނުވާ