ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު ޢާންމު ކުރަނީ

ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު ޢާންމު ކުރަނީ

ސަރުކާރުގެ ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށައެޅުމުގެ ސުންގަޑި މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

ގްލެޓާއި، ގޯތީގެ ކޮމިޓީގެ ޗެއާމަން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ މިއަދުގެ ވަގުތެއްގައި ލިސްޓު ޢާންމު ކުރާނެކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ރައީސް އޮފީހާއިއެކު އެކަމުގެ އިންތިޒާމުތައް ކަމަށެވެ. ނަމަވެސް އަދި މިކަން ކުރުމަށް ހަމަޖެހިފައިވާ ވަގުތެއް އަކުރަމް ވިދާޅެއް ނުވެއެވެ.

މިއަދަފަހު ޢީދު ބަންދަށް ސަރުކަރު ބަންދުވާއިރު، ދެން ހުޅުވޭނީ އަންނަ މަހުއެވެ. ސަރުކާރުން ވަނީ މިމަހުގެ ތެރޭގައި ލިސްޓު ޢާންމު ކުރާނެކަމަށް ކުރާރުކޮށް ވިދާޅުވެފައެވެ. އެހެންކަމުން މިއަދު ލިސްޓު ޢާންމު ކުރާނެކަމަށް ބެލެވެއެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލާ މިދިޔަ ފެބުރުއަރީ މަހުގައި ވަނީ ކޮމެޓީގެ މަސައްކަތް ފަށްޓަވާފައެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.

މިހާރު ދިނުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން މާލެ ސަރަޙައްދުން އިތުރު ގޯތި ދިނުމަށް ނިންމަވާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާންކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *