ރައީސަށް 100 ޕަސެންޓް ދެއްވި ދޮންބިލޭއާއިއެކު، ސޮއި ނުކުރައްވަނީ ހަތަރު މެމްބަރެއް

ރައީސަށް 100 ޕަސެންޓް ދެއްވި ދޮންބިލޭއާއިއެކު، ސޮއި ނުކުރައްވަނީ ހަތަރު މެމްބަރެއް

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ސައްތައިން ސައްތަ ތާއީދު ކުރައްވައި، ސަރުކާރު ދަހައްޓަން ކުރިއަށްވުރެ ބޮޑަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހަލީމާއިއެކު އެމްޑީޕީގެ 4 މެމްބަރަކު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ނުުކުރާކަން އެނގިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މިއަދު މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމިކަން އިއުލާނުކުރީ އިއްޔެ މެންދުރު ބޭއްވި އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެއީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް އެމްޑީޕީގެ ޕީޖީން ބުނެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިސް ނަގައިގެން ހުށަހަޅާ އެ މައްސަލައިގެ ލިޔުމުގައި ސޮއި ނުކުރައްވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ދޮންބިލޭ އަކީ ރައީސް ޞާލިހު ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަޖިލިސް ތެރެއިން ސަރުކާރު ދަމަހައްޓައި، ސަރުކާރުން ބޭނުންވާ ކަންކަން ކޮށްދެއްވުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި މެމްބަރެކެވެ.

ނަޝީދު ނުހިމަނައި އެމްޑީޕީގައި މިހާރު ތިއްބެވީ ރައްޔިތުންގެ މަޖިލިހުގެ 56 މެމްބަރެކެވެ. އޭގެ ތެރެއިން ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާ ލިޔުމުގައި ސޮއިކުރެއްވީ 52 މެމްބަރެކެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި 54 މެމްބަރުންގެ ސޮއި ހަމަކުރީ އެމްޑީޕީގެ ބޭރުން ހަތަރު މެމްބަރެއްގެ ސޮޔާ އެކުއެވެ.

އެއީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ