ސަރުކާރު ފެއިލްވެފައިވާކަން ގަބޫލުކޮށް، ހެދޭ ގޯސްތަކުން ރެކި ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވިޔަސް އެކަމެއް ނުވާނެކަމަށާއި، ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދުވެސް ޒިންމާ ނަންގަވަންޖެހޭ ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހި ސަރުކާރާއިި ގުޅުމެއް ނެތްކަމަށާއި، އެމަނިކުފާނަކީ މިސަރުކާރުގެ ބައިވެރިއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ފެއިލްވެ ބޮޑެތި ގޯސްތަކެއް ހަދަމުންދާއިރު އެކަމުގެ ޒިންމާއިން ރެކި ވަޑައިގަތުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވިޔަސް އެކަމެއް ނުވާނެކަމަށެވެ.
ސަރުކާރު ހިންގާ މައިޕާޓީއަކީ އެމްޑީޕީއަށް ވެފައި އެޕާޓީގެ ރައީސްއަކީ ރައީސް ނަޝީދަށްވާއިރު، ސަރުކާރުން ހަދާ ބޮޑެތި ގޯސްތަކާއި ކަންތައްތަކުގައި ރައީސް ނަޝީދަށް ރެކެވޭނެ އެެއްވެސް ގޮތެއް ނޯންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ސަރުކާރު ފެއިލް ވެއްޖެކަން ރައީސް ނަޝީދު ޤަބޫލު ކުރެއްވުމުން، ސަރުކާރުން ހަދާ ގޯސްތަކުން ރެކިވަޑައިގަންނަވަން ރައީސް މުހައްމަދު ނަޝީދު އިދިކޮޅަށް ކުޅުއްވިޔަސް، ސަރުކާރުން ހަދާ ގޯސްތަކުގެ ޒިންމާ ކޯލިޝަން ލީޑް ކުރައްވާ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަންގަވަން ޖެހިވަޑައިގަންނަވާނެ" އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިސަރުކާރަކީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދި ރިޔާސަތު ބަލަހައްޓަވާ ޕާޓީއަށް ނިސްބަތްވާ ސަރުކާރެއްކަމަށާއި، އެމަނިކުފާނު މަދަދުދޭ ސަރުކާރެއްކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ މިސަރުކާރުގެ ބައިވެރިއެއްނޫންކަށާއި، އެމަނިކުފާނަކީ މަޖިލީހުގެ ރައީސްކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށްވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ، އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ނަޝީދާއި، ރައީސް ޞާލިހުވަނީ މިއަދު ބައްދަލު ކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ