ކުލި ކުޑަނުކޮށް، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށް ލުއިދީފި

ކުލި ކުޑަނުކޮށް، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށް ލުއިދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ހަތް އަހަރަށް 5،300 އަށް ކުޑަކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމެއް ނޫންކަމަށެވެ. ކުލީގެ ގޮތުގައި ދައްކަމުންދިޔަ ފައިސާގެ އަދަދު ހަތް އަހަރަށް ލުއި ކުރީކަމަށެވެ. އެގޮތުން މަހަކު މިހާރު ދައްކަން ޖެހޭ 7،500ގެ ބަދަލުގައި މިމަހުން ފެށިގެން ދައްކަން ޖެހޭނީ 5،300 ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކަށް ނެތް ހިޔާ ފްލެޓްގެ ކުލި ކުޑަކުރެވޭކަމަށް. އަޅުގަނޑުމެން މިދެނީ ކުޑަލުޔެއް ކުލި ދައްކާ ފަރާތްތަކަށް. އެކި ފަހަރު މަތީން ސަރުކާރުން ރައީސް ވަނީ ހިޔާގައި އުޅޭ ރައްޔިތުންނަށް މި ލުއިދީފަ. މިއީވެސް ހަމަ އޭގެ ތެރެއިން ގެނެވޭ ހެޔޮ ބަދަލެއް.

– އަކްރަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ދައްކާ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމީ އެ ތަނުގައި ދިރިއުޅޭ މީހުން ކުލި ދެއްކުމުގައި ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އަކްރަމް ވިދާޅުވިއެވެ. އެ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ސަރުކާރުން އިތުރު ކޮށްދިނީ ހަތް އަހަރުގެ މުއްދަތެކެވެ. ލޯނު އަނބުރާ ދައްކަން ކަނޑައަޅާފައި އޮތީ 25 އަހަރެވެ. އޭގެ ތެރެއަށް ހަތް އަހަރު އިތުރު ކޮށްދިނީއެވެ.

ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ވަރު މި ސަރުކާރުން ކުޑަކޮށްދިނީ ފްލެޓްތައް ލިބުނު މީހުން އެ ކަމަށް އެދި އާދޭސް ކުރާތާ އެތައް ދުވަސްތަކެއް ފަހުންނެވެ. ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 5،000ރ. އަށް ކުޑަކޮށްދިނުމަށް ގޮވާލައި އެ ތަނުގައި ދިރިއުޅޭ މީހުން އެކި ފަހަރު މަތިން މުޒާހަރާ ވެސް ކުރިއެވެ. އެކަމަކު، ސަރުކާރުން އޭރު ބުނަމުން ދިޔައީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.

ކުލި ދެއްކުން ލުއި ދިނުމާއިއެކު މިކުލި ހިނގަން ފަށާނީ މިމަހުގެ ތެރެއިންނެވެ. މިބަދަލާއިއެކު ކޮންމެ މަހަކު ދައްކަން ޖެހޭ ފީއިން 2،200 ރުފިޔާ ކުޑަވާނެއެވެ.

ހިޔާ މަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 2 ކޮޓަރީގެ އެޕަޓްރަމަންޓްތަކެވެ. މެއިންޓަނަންސް ފީ ހިމެނޭހެން ކޮންމެ މަހަކު، ކުލީގެ ގޮތުގައި 8500 ރުފިޔާ ދައްކަންޖެހެއެވެ.

ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހިޔާގައި އުޅޭ %40އަށްވުރެ ގިނަ ޔުނިޓަށް ގަވާއިދުން ކުއްޔެއް ނުދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *