2024 ގެ ކުރިން ރާއްޖެގައި ޕްރޯ ލައިސަންސް 6 ކޯޗުން ތިބޭނެ: އެފްއޭއެމް

2024 ގެ ކުރިން ރާއްޖެގައި ޕްރޯ ލައިސަންސް 6 ކޯޗުން ތިބޭނެ: އެފްއޭއެމް

2024 ވަނަ އަހަރު އަންްނަންވާއިރަށް ޕްރޯލައިސަންސް ހަ ކޯޗުން ރާއްޖެގެ ތިބޭނެކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރ އަޙްމަދު ޝަރީފް (ޑުންގާ) ވިދާޅުވެއްޖެއެވެ.

އެފްއޭމުން ގެނެސްދޭ "ލެޓެސް ޓޯކް ފުޓްބޯލް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޑުންގާ ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމްގެ ދެވަނަ ދައުރުގެ އެންމެ ބޮޑު އަމާޒަކީ އަހަރަކު މަދުވެގެން ދެ ކޯޗުން ރާއްޖޭއިން ބޭރުން ޕްރޯ ލައިސަންސަސް ތަމްރީން ހެއްދުވުންވެ. މި ކޯސްތަކުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެފްއޭމުން ކަމަށް ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ކޯސްތަކުން ތަމްރީންވެގެން އަންނަ ކޯޗުންގެ ސަބަބުން ޖުމްލަގޮތެއްގައި ރާއްޖޭގެ ފުޓްބޯޅައަށް ފައިދާކުރާނެ ކަމަށާއި މިއީ ދުރު މުސްތަގުބަލަކަށް ވިސްނައިގެން ކުރިޔަށްގެންދާ މަަސައްކަތެއްކަމަށެވެ.

"މުޅި ޖުމްލަ އެސޯސިއޭޝަނުގެ ހުރިހާ މުވައްޒިފުންގެ އެއްބާރުލުމާއެކު އަޅުގަނޑުމެން ކޯޗިން އެޑިއުކޭޝަން މަސައްކަތް ކުރަމުން މިދަނީ "

– ޑުންގާ ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިދިޔަ ޖުލައި މަހު ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި މި ހަތަރު އަހަރު ތެރޭގައި ރާއްޖޭގެ ޕްރޯ ލައިސަންސް ކޯޗުންގެ އަދަދު ފަހަކަށް އެރުވުން ހިމެނެ އެވެ.

ފުޓްބޯޅައިން ދުނިޔޭގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ކޯހަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ ހޮވިފައެވެ.

މިހާތަނަށް ރާއްޖޭގައި މި ލައިސަންސް ހާސިލްކުރީ ދެ ދިވެހި ކޯޗުންނެވެ. އެއީ އެންމެ ފުރަތަމަ މި ލައިސަންސް ނެގި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) އާއި މިދިޔައަހަރު ކޯސް ފުރިހަމަކުރި ކްލަބް އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.

އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ. ޕްރޯ ލައިސަންސް ކޯސް ކުރިއަށްދަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *