ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލިއާގޭގައެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައިވަނީ ގިނަ ކަންތައްތަކަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަން ހާމަކުރައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ ޙާލަތާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖިލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރިން. ކޯވިޑް 19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް. pic.twitter.com/QDfSPpjUe7
— Ibrahim Mohamed Solih (@ibusolih) October 7, 2020
ދެބޭފުޅުން މިއަދު ބައްދަލުކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއިި އެމަނިކުފާނާއި ގުޅުމެއް ނެތްކަމަށެވެ. މިސަރުކާރަކީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދި ރިޔާސަތު ބަލަހައްޓަވާ ޕާޓީއަށް ނިސްބަތްވާ ސަރުކާރެއްކަމަށާއި، އެމަނިކުފާނު މަދަދުދޭ ސަރުކާރެއްކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ މިސަރުކާރުގެ ބައިވެރިއެއްނޫންކަމަށާއި، އެއީ މަޖިލީހުގެ ރައީސްކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.
އެންމެފަހުން މިދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހުގެ ބައްދަލުވުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ މި ބައްދަލުކުރެއްވުމުުގައި ތަރައްޤީގެ އެޖެންޑާ ތަންފީޒްކުރުމުގެ މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ އެ ސިޔާސަތުތައް ތަންފީޒްކުރުމުގައި މުހިންމު އިދާރާއެއްކަމަށާއި، ސަރުކާރާއި މަޖިލިސް ގުޅިގެން ރައްޔިތުންނަށްޓަކައި މުހިންމު މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ