ވެމްކޯގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާކުރައްވާފައިވަނީ މާލެ ސިޓީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ އިދާރާތަކާއިއެކު ނާއިބް ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިހާރު ކުނި ނެގުމުގައި ގެންގުޅޭ ގޮތްތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކުރުމާއި، އެ އިދާރާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، މާލެ ސިޓީ ސާފުތާހިރުކޮށް، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެ މަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމުގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި، ކުނި ނެގުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ