ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އެކުލަވައިލުމުގެ ޤަވާޢިދުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޝްވަރާކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސް ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފިހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިސެބިލިޓީ ޑިވިޜަންގެ ފަރާތުން ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި ޙިމާޔަތްކުރުމަށް އެ ޑިވިޜަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނާއިބް ރައީސާއި ޙިއްޞާކުރައްވާފައެވެ. އަދި، މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އެކުލަވައިލުމުގައި ގެންގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޤަވާޢިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި، ކޯވިޑް-19 އާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ޢާއިލާތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އަދި މުޖުތަމަޢުގައި އެ މީހުންނަށް ފަސޭހައިން ދިރިއުޅޭވޭނެ ގޮތް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާކަމަށާއި، މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ