ގޯތި ލިބޭ މީހުންގެ ލިސްޓު މާޗު މަހަށް ނުނިމުނު

ގޯތި ލިބޭ މީހުންގެ ލިސްޓު މާޗު މަހަށް ނުނިމުނު

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2023 12:00
0

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 1000 ގޯއްޗަށްވާ ބިން ކެނޑުން އަމަލީކޮށް ފެށި ދުވަހު، ޕްލޭނިން މިނިސްޓްރީން ވަނީ ވަގުތީ ލިސްޓު މާޗު މަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މާޗު މަސް ނިމުނުއިރުވެސް ލިސްޓު އާންމުކޮށްފައިނުވެއެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ވަނަ ދުވަހުއެވެ. މިހާރު ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފައިވާއިރު، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ގެދޮރުވެރިޔާ މަޝްރޫއުގެ އަޕްޑޭޓަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ މަސައްކަތް ހިނގާ ގޮތް ކޮންމެ ދުވަހަކު ނުބަލާ ކަމަށާއި އެހެންނަމަވެސް ގެދޮރުވެރިޔާ ކޮމިޓީގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އިވެލުއޭޝަންތައް ނިމުނީމާ އަޅުގަނޑު ބަލަނީ ކޮމިޓީން އަޅުގަނޑަށް ރިޕޯޓު ކުރާނެޔޭ، ކިހިނެއް ކަން އިވެލުއޭޝަންގެ މަސައްކަތް ގޮސް ނުކުތް ނަތީޖާއަކީ، އެ ބޭފުޅުންގެ މަސައްކަތް ނިންމާ ރިޕޯޓު ކުރެވޭނީ މެއިގެ ނިޔަލަށް ޖޫންގެ ކުރީކޮޅު.

– އަސްލަމް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މާލެ ސަރަހައްދުގައި މި ސަރުކާރުން އިމާރާތްކުރާ 4،000 ސޯޝަލް ހައުސިން ޔުނިޓާ ބެހޭ ގޮތުން ވެސް މިއަދުގެ ޖަލްސާގައި ސުވާލު ކުރައްވައިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ތާއީދު ކުރައްވާ އިންތި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ސަރުކާރުން "ޑަމީ ބެޑްރޫމެއް" ދެއްކި ކަމަށެވެ. ނަމަވެސް ހަގީގަތުގައި އަދި ކިތައް ޝީޓު އަޅަން ޖެހޭތޯ އިންތި ސުވާލު ކުރެއްވިއެވެ.

އަސްލަމް ވިދާޅުވިގޮތުގައި، އިންޑިއާގެ ދެ ކުންފުންޏަކުން ކުރިއަށް ގެންދާ އެ މަޝްރޫއު ސީދާ އޮތް ހިސާބެއް އެނގިވަޑައެއް ނުގަންނަވައެވެ. އެކަމަކު، ބައެއް ފްލެޓުތަކުގެ ކޮންކްރީޓް މަސައްކަތް ނިމި ފިނިޝިންގެ ކަންކަން މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.