އެމެރިކާގެ ކުރީގެ ރައީސް، އަދި 2024ގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ޑޮނަލްޓް ޓްރަމްޕް މާދަމާ އަމިއްލައަށް ފުލުހުންނާއި ހަވާލުވާން ތައްޔާރު ވެއްޖެއެވެ.
އެމެރިކާގެ ތާރީޚުގައިވެސް އެގައުމެއްގެ ރައީސެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރެވިފައިވާ ޖިނާއީ ދައުވާއަށް ކޯޓުގައި ޖަވާބުދާރީ ވުމަށްޓަކާ ނިއުޔޯކު ސިޓީއަށް ވަޑައިގަތުމަށް ކުޑައިރުކޮޅެއްގެ ތެރޭގައި، ޓްރަމްޕް ދިރިއުޅުއްވާ، އޭނާގެ އަމިއްލަފުޅު މާރަލާގޯ ރިސޯޓުން ފުރާވަޑައިގަންނަވާނެއެވެ.
އެއަށްފަހު މާދަމާ، ނިއުޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގައި ލޯޔަރުންނާ ބައްދަލު ކުރެއްވުމަށްފަހު، މާދަމާގެ ވަގުތެއްގައި ޓްރަމްޕް އަމިއްލަފުޅަށް ފުލުހުންގެ ހައްޔަރަށް ވަޑައިގަންނަވާނެއެވެ. އެއީ ކޯޓުގައި ފަޑިޔާރުންގެ ކުރިފުޅުމަތީ، ޓްރަމްޕާ ދެކޮޅަށް ކުރެވޭ ދައުވާތައް އިއްވުމަށް ބާއްވާ، ޝަރީއަތުގެ ފުރަތަ އަޑުއެހުމެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓަރަމްޕް ފުލުހުންގެ ހައްޔަރަށް ވަޑައިގަތުމަށްފަހު އޭނާއާމެެދު އަމަލު ކުރެވިގެންދާނީ އެހެން ކުށްވެރިންނާމެދުވެސް އަމަލު ކުރެވޭ ގޮތަށް ކަމަށެވެ. މިގޮތުން ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް ޓަރަމްޕް ހާޒިރު ކުރުމުގެ ކުރިން އޭނާގެ ފިންގަރ ޕްރިންޓް ނެގުމަށްފަހު، ކުއްވެރިންގެ ފޮޓޯ ނަގާތަކުގައި ޓްރަމްޕްގެ ފޮޓޯ ނެގުމަށްފަހު، ދެން ހާޒިރު ކުރެވޭނީ ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް، ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ދައުވާތައް އިއްވުމަށެވެ.
މި ޝަރީއަތަށްފަހު، ޓްރަމްޕް ބަންދު ކޮށްފައި ބެހެއްޓުމަށް ފަނޑިޔާރުން އަމުރު ކުރައްވާނޭކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
އެމެރިކާގެ ނިއުޔޯކުގެ ފުލުހުން ޓްރަމްޕް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރަނީ، ޕޯން ސްޓާރަކަށް (ބަރަހަނާ ފިލް ކުޅޭ މީހަކަށް) އޭނާ ގާނޫނާއި ޚިލާފަށް ފައިސާ ދިންކަމުގެ ތުހުމަތުގައެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވިޔަފާރީގެ މުއާމަލާތްތައް އޮޅުވާލާފައިވާކަމުގެ ތުހުމަތުގައި 30 މައްސަައެއް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހިމަނާފައި ވެއެވެ.
ޕޯން ސްޓާރެއް ކަމުގައިވާ ޑެނިއަލްސްއާއި ޓްރަމްޕްއާއި ދެމެދު ހިންގާފައިވާ ގުޅުމެއްގެ ވާހަކަތައް ސިއްރު ކުރުމަށް ޝަރުތުކޮށް، 2016ގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލެއް ކަމުގައިވާ މައިކަލް ކޯހެން މެދުވެރިކޮށް އޭނާއަށް 130,000 އެމެރިކާ ޑޮލަރު ޓްރަމްޕް ދީފައި ވެއެވެ. ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެންއަކީ މިހާރު ޓްރަމްޕްއާއި ދެކޮޅު މީހެކެވެ.
ޕޯން ސްޓާރ ޑެނިއަލްސްއަށް ޓަރަމްޕް ފައިސާ ދިނުމަކީ އޭގެ ޒާތުގައި މައްސަލައަކަށް ނުވި ނަމަވެސް، އެ ފައިސާގެ މުއާމަލާތަކީ ގާނޫނާ ޚިލާފް މުއާމަލާތަކަށް ވަނީ، ޑެނިއަލްސްއާއެކު ހިންގި މުއާމަލާތް ސިއްރުކުރުމަށް ޓަރަމްޕް އޭނާއަށް ދިން ފައިސާއަކީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ރެކޯޑްތަކުން ދައްކާތީއެވެ.
ނިއުޔޯކުގެ ގާނޫނުތައް ބުނާ ގޮތުން، ވިޔަފާރީގެ މުއާމަލާތްތައް އޮޅުވާލުމަކީ ގާނޫނީ ކުށެކެވެ.