އިންކަމް ސަޕޯޓް އެލަވެންސް ޑިސެމްބަރާއި ހަމައަށް ދޭން ނިންމައިފި

އިންކަމް ސަޕޯޓް އެލަވެންސް ޑިސެމްބަރާއި ހަމައަށް ދޭން ނިންމައިފި

Author
މުޙައްމަދު ޖިމީ
07 އޮކްޓޯބަރ 2020 01:05
0

އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވެންސް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އޭޕްރީލް މަހުން ފެށިގެން އިންކަމް ސަޕޯޓް އެލަވެންސް ސަރުކާރުން ދެމުން އަންނަކަމަށާއި، އޭގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިންނާއި، އެނޫންވެސް އަމިއްލަ މަސައްކަތްކުރި މީހުންވެސް ހިމެނޭކަމަށެވެ. މިނިސްޓަރ މަޖިލީހަށް ޙާޒިރުކޮށްފައިވަނީ ކޯވިޑް-19އާއި ގުޅިގެން އިޤްތީޞާދަށް އައި ހީނަރުކަމުގައި މަސްވެރިންނަށް އެލަވެންސް ނުދޭތީ މަސްވެރި އާއިލާތަކަށް ގެއްލުންތަކެއް ވަމުން އަންނަކަމަށް ވިދާޅުވެ ކާށިދޫ ދައިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށައެޅުއްވި ސުވާލަކާއި ގުޅިގެންނެވެ.

މިނިސްޓަރ ވިދާޅުވީ އިންކަމް ސަޕޯޓް އެލަވެންސް ޑިސެމްބަރާއި ހަމައަށް ދިނުމަށް ނިންމާފައިވާއިރު، އޭގެ ފަހަށް އެމުއްދަތު އިތުރުކުރަންޖެހުނަސް ކުރައްވާނެކަމަށެވެ.

"އިންކަމް ސަޕޯޓް އެލަވަންސް ލިބޭނެ ޑިސެމްބަރާއި ހަމައަށް. އޭގެ އިތުރުން އެކްސްޓެންޑް ކުރަންޖެހިއްޖެ ހާލަތެއްގައި އަޅުގަނޑުމެން އެކްސްޓެންޑްވެސް ކުރާނަން،"

މިނިސްޓަރ އަމީރު ވިދާޅުވީ އިންކަމް އެލަވެންސްގެ ގޮތުގައި ހަމައެކަނި މަސްވެރިންނަށްވެސް 8.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށާއި، ބޮޑު ކަންނެލީގެ އަގު ހިފެހެއްޓުމަށްތަކައި މަސްވެރިންނަށް 100 މިލިއަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ހުޅުވާލާފައިވާކަމަށެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ކޮންމެ ރައްޔިތެއްގެ ތެރެއިން، ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ޢިނާޔަތެއް ދޭން ފަސާފައެވެ. އެގޮތުން އާމްދަނީއަށް އަސަރުކުރި މީހުންނަށް ފަސްހާސް ރުފިޔާއާއި ހަމައަށް އިންކަމް ސަޕޯޓް އެލަވެންސް ދެމުންގެންދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.