ވެރިކަން ލިިބިވަޑައިގެންފިނަމަ ރާއްޖޭގެ ކޮންމެ އާއިލާއަކަށް 1،200 އަކަފޫޓުގެ ބިމެއް ނުވަތަ އެޕާޓްމަންޓެއް ދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރައީސް ނާޒިމް މިހެން ވިދާޅުވީ ”ނުއިވޭ އަޑުތައް“ މި ނަމުގައި އެ ޕާޓީން ފެށި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ހޮޓެލް ޖެންގައި ރޭ ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ނާޒިމް ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވައިލައްވައިފައެވެ.
ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމަކީ މިހާރު ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އަސާސީ އެއް ޚިދުމަތް ކަމަށާއި އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް 1200 އަކަފޫޓުގެ ބިމެއް ނުވަތަ އެޕާޓްމަންޓެއް ދެއްވާނެ ކަމަށެވެ.
އަދި ގޯތިގެދޮރު ބިނާކުރުމަށް އިންޓްރެސްޓް ނުހިމެނޭ ލޯނު އިންތިޒާމުތަކާއި ކުލި ދެއްކުމުގައި ދަތިކަން ހުންނަ އާއިލާތަކަށް ރެންޓް ސަޕޯޓުދޭ ނިޒާމެއް ހަމަޖައްސަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ކޮށްދެއްވާނެ ބައެއް ކަންކަން މީގެކުރިން ވެސް ނާޒިމް ވަނީ ހާމަކުރައްވައިފައެވެ. އެ ގޮތުން ރޯދަ ހިފާ އުމުރުގެ ކޮންމެ މީހަކަށް ރޯދަ އިނާޔަތް ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ