އިންޑިއާ ސަރުކާރާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއްގެ ތަފްސީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިޔާއާއެކު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމަށެވެ. އަދި ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާ ކަމަކަށް ނުވާނެތީއާއި، އިންޑިޔާގެ ހެލިކޮޕްޓަރުތައް ދުއްވަން 50އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި، އެހެލިކޮޕްޓަރުތައް ދުއްވަން 10 އަހަރު ތެރޭގައިވެސް ދިވެހި ޕައިލެޓުން ތަމްރީންކޮށްފައި ނުވާކަމަށްވެސް މިމައްސަލާގައި ބުނެފައިވެއެވެ.
މީގެ އިތުރުން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އެއަރޕޯރޓް ބޮޑުކުރުމުގެ މަޝްރޫޢު އިންޑިޔާ ސަރުކާރުން ކުރާގޮތަށް އެއްބަސްވެފައިވުމާއި، 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަޅަން ނިންމާފައިވާކަން އިންޑިޔާއިން ހާމަކޮށްފައިވާއިރު މިހާ ބޮޑު ހޭދައެއް ކޮށްގެން ކްރިކެޓް ސްޓޭޑިއަމްއެއް ރާއްޖޭގައި އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުން ސާފުކުރަން ބޭނުންވާތީއާއި މި ދެ އެއްބަސްވުމުގައި ހިމެނޭ އެއްވެސް ކަމެއް ރައްޔިތުންނަށް ހާމަކޮށްދީފައި ނުވާކަމަށްވެސް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.
މީގެ އިތުރުން އަދި އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވާ މަރާމާތު ކުރަންވެސް އިންޑިޔާގެ އެތައް ސިފައިންނެއް ރާއްޖޭގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވުމާއި، މިއެއްބަސްވުމުގައި ޝަރުތު ކޮށްފައިވަނީ ކޮންކަމެއްކަން ހާމަކޮށްފައިނުވުމާއި، އައްޑޫ ސިޓީގައި ޤާއިމްކުރާ މަރުކަޒާ ގުޅިގެންވެސް މިހާރު ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެއް ހުރިކަމަށްވެސް މިކުއްލި މައްސަލާގައި ބުނެފައިވެއެވެ. އަދި ދާދި ފަހުން ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާއިރު، މިލޯނުގެ ތަފްސީލެއްވެސް ހާމަކޮށްފައި ނުވުމާއި، މިސަރުކާރުން ވެރިކަމާ ޙަވާލުވެ، އިންޑިޔާއާއެކު ވެފައިވާ އަދި އާކޮށްފައިވާ އެއްވެސް އެއްބަސްވުމެއްގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައިފައިނުވާތީއާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމީކޮށް ބޭތިއްބުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ތައްޔާރަށް އޮތްކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން އަޑިނޭނގޭ ކަންތައްތަކެއް ކުރަމުންދާ ކަމުގެ ޝައްކު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާތީއާއި މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުމަށް ބުރޫ އަރާނެތީ، އިންޑިޔާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެގްރީމެންޓެއްގެ ތަފްޞީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 110ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށައަޅަމެވެ.
– ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.
މިމައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރު ޝިޔާމް ހޯދަން ބޭނުންވާ މަޢުލޫމާތު މަޖިލީހުގެ ސަލާމަތީ ކޮމިޓީ މެދުވެރިކޮށް ހޯދޭނެކަމަށާއި، އެއީ މަޖިލީހަށް ބަލައިގަނެވޭނެ މައްސަލައެއްވެސް ނޫންކަމަށެވެ.
މައްސަލަ ބޭރުކޮށްލުމުން ނިޒާމީ ނުކުތާއެއް ނަންގަވާ ޝިޔާމް ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ފަހަތަށް އެރި ފިޔަވަޅެއްކަމަށެވެ.
ކޮމެންޓު ފޮނުވާ