ތުރުކީގެ 2016 ވަނަ އަހަރުގެ ނާކާމިޔާބު ބަޢާވާތުގެ އެތައްސަތޭކަ ބައިވެރިންނެއް އުމުރަށް ޖަލަށް

ތުރުކީގެ 2016 ވަނަ އަހަރުގެ ނާކާމިޔާބު ބަޢާވާތުގެ އެތައްސަތޭކަ ބައިވެރިންނެއް އުމުރަށް ޖަލަށް

Author
ހުސެއިން
27 ނޮވެމްބަރ 2020 06:23
0

ތުރުކީގެ ރައީސް ތައްޔިބު އެރްދޮގާންއާއި ދެކޮޅަށް އެގައުމުގައި 2016 ވަނަ އަހަރު ގެނައި ނާކާމިޔާބު ބަޢާވާތުގައި ބައިވެރިވި 337 މިލިޓަރީ އޮފިސަރަކު އުމުރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ 2016 ވަނައަހަރު ގެނެވުނު ނާކާމިޔާބު މި ބަޢާވާތާއި ގުޅިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު ޝަރީޢަތެވެ.

ތުރުކީގެ ރައީސް ތައްޔިބު އެރްދޮގާން ވެރިކަމުން ދުރުކުރުމަށްޓަކާ، 2016 ވަނަ އަހަރު ހިންގުނު މިލިޓަރީ މި ހަރަކާތުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ 500 ކުއްވެރިންގެ ތެރޭގައި އެގައުމުގެ އަސްކަރިއްޔާގައި އޭރު މަސައްކަތްކުރަމުން އައި އެއަރ ފޯސްގެ ޕައިލެޓުންނާ އަދި އާމީ ކޮމާންޑަރުންވެސް ހިމެނެއެވެ.

މިމީހުން ވެރިކަން ވައްޓާލުމަށްޓަކާ ހަމަލާ ދޭން ރާވާފައިވަނީ ވެރިރަށް އަންކާރާގެ ކައިރީގައި އޮންނަށް އަކިންސީ އެއަރ ބޭސްއިންނެވެ.

އެރްދޮގާން ތުހުމަތު ކުރާގޮތުގައި އޭނާ ވެރިކަމުން ދުރުކުރުމަށް މިހިންގުނު އިދިކޮޅު ހަރަކާތަކީ، އެމެރިކާގައި ދިރިއުޅެމުންދާ ތުރުކީގެ މުސްލިމް ދަންނަބޭކަލެއް ކަމުގައިވާ ފަތުއްﷲ ގުލެން ރާވައިގެން ހިންގާފައިވާ ހަރަކާތެކެވެ. މި ހަރަކާތައްފަހު ތުރުކީގެ ސަލާމަތީ ބާރުތަކުންވަނީ، ބަޢާވާތް ކުރަންއުޅުމުގެ ތުހުމަތުގައި އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފައެވެ.

އެހެންނަމަވެސް، 2016 ވަނަ އަހަރުގެ ޖުލައިމަހުގައި ގެންނަން އުޅުނު، 251 މީހުން މަރުވެ، އަދި 2000 މީހުންނަށް އަނިޔާވި، މި ނާކާމިޔާބު ބަޢާވާތުގައި ބައިވެރިވުން އޮތްކަމަށް ކުރެވޭ ތުހުމަތުތަކާ ގުލެންވަނީ ދޮކޮޅު ހައްދަވާފައެވެ. މި ބަޢާވާތް ގެނައުމަށް މަސައްކަތް ކުރެވިފައިވަނީ، އެރްދޮގާން ޗުއްޓީ ހޭދަ ކުރެއްވުމަށްޓަކާ އެގައުމުގެ ރިސޯޓަކަށް ވަޑައިގެން ހުންނަވަނިކޮންނެވެ.

ތުރުކީގައި މި ބައާވާތް ގެނައުމަށް މަސައްކަތް ކުރެވުނު ދުވަހުގެ ރޭ އެތައްސަތޭކަ ބަޔަކުވަނީ އެގައުމުގެ މަގުތައްމައްޗަށް ނިކުމެ އެރްދޮގާންއަށް ތާއީދުކޮށް ޝުއޫރުތައް ފާޅުކޮށްފައެވެ. އަދި މިމީހުންވަނީ ސިފައިންގެ ތެރެއިން ބައާވާތުގައި ބައިވެރިވީ މީހުންނާ ކުރިމަތިލާ، ދައުލަތުގެ ބާރުތައް އެމީހުންގެ އަތްމައްޗަށް ދިޔަނުދީ ހިފަހައްޓާފައެވެ.

ބަޢާވާތުގައި ބައިވެރިވީ މީހުންގެ ޝަރީއަތްތައް ފެށިގެންދިޔައީ 2017 ވަނަ އަހަރުއެވެ. މިމީހުންގެ މައްޗަށް ކުރެވިގެން ދިޔަ ތުހުމަތު ތަކުގެ ތެރޭގައި، ތުރުކީގެ ރައީސް އެރްދޮގާން މަރާލުމަށް އުޅުމުގެ ތުހުމަތާއި، އަދި ދައުލަތުގެ މުވައްސަސާތަކުގެ މައްޗަށް ގަދަވެގަތުމުގެ ތުހުމަތުވެސް ހިމެނެއެވެ.

ހުކުމް އިއްވުމަށްޓަކާ، މިއެންމެން، ވެރިރަށް އަންކާރާގެ ކައިރީގައި އޮންނަ ސިންކަންގައި ހުންނަ ތުރުކީގެ އެންމެ ބޮޑު ކޯޓަށް ހާޒިރުކޮށްފައި ތިބިއިރު، މުޅި ކޯޓުތެރެ އޮތީ ފުރިބާރުވެފައެވެ.

ބަޢާވާތް ރޭވި މިލިޓަރީ އޮފިސަރުން، ތުރުކީގެ އަކިންސީ ބޭސްއިން ހަގުރާމަ މަތީ ބޮން އަޅާ މަތިންދާބޯޓްތައް ހިފައްހައްޓާ އަދި އެގައުމުގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ހުލުސީ އަކަރު އާއި އިތުރު އޮފިސަރުންތަކެއް ހޮސްޓެޖް ކުރިއެވެ.

ތުރުކީގެ ކުރީގެ އެއަރފޯސް ކޮމާންޑަރ އަކިން އޮޒްޓާރކް ވަނީ މި ޕްލޮޓުގައި ބައިވެރިކަން ސާބިތުވެ، މިދިޔަ އަހަރު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

މި ޕްލޮޓުގައި ބައިވެރި ވީ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ވާގޮތުން، ތުރުކީގެ އެއަރ ފޯސްގެ 25 ޕައިލެޓަކު ވަނީ، F-16ގެ ފައިޓަރ ޖެޓްތައް ބޭނުން ކޮށްގެން ވެރިރަށް އަންކާރާގެ އެކި ހިސާބުތަަކަށް ބޮން އަޅާފައެވެ. މީގެތެރޭގައި މަޖިލިސް ކުރާގެއަށް 3 ފަހަރަށް ހަމާ ދީފައިވާއިރު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ އިތުރު 3 އިމާރާތަކަށްވެސް ހަމަލާ ދީފައިވެއެވެ.

މި ބޮމުގެ ހަަލާތަކުގެ ސަބަބުން ވެރިރަށް އަންކާރާއިން 68 މީހަކު މަރުވެ 200 މީހަކު ޒަޚަމް ވެފައިވާކަމަށްވެސް މި ތުހުމަތުތަކުގައި ބުނެފައި ވެއެވެ.

ހުކުމް ކުރެވުނު މިލިޓަރީ އޮފިސަރުންގެ ތެރެއިން 10 އޮފިސަރުނނަށް، ކޮންމެ މީހެއްގެ މައްޗަށްވެސް 79 އުމުރުދުވަހުގެ ޖަލުހުކުމް އިއްވުނެވެ. މި ހުކުމްތައް އިއްވުނީ އާދައިގެ އުމުރުދުވަހުގެ ޖަލު ހުކުމްތަކާއި ޙިލާފަށް ހަރުކަށި ފިޔަވަޅުތަކާއެކު ތަންފީޒު ކުރަންޖެހޭ ޖަލުހުކުމް ތަކެއްގެ ގޮތުގައެވެ.

މީގެ އިތުރުން، އިތުރު 6 މީހެއްގެ ޝަރީއަތް މިހާރުވެސް އެމީހުންގެ އައިރު ހާޒިރުގައި ދަނީ ކުރިޔަށެވެ. މީގެތެރޭގައި، އެމެރިކާގައި ދިރުއެޅެމުންދާ، ތުރުކީގެ ދީނީ އިލްމުވެރިޔާ ގުލެންއާއި އަދި ތިއޮލޮޖީ ލެކްޗަރަރއެއް ކަމުގައިވާ އާދިލް އޮކްސުޒް ހިމެނެއެވެ.

ހަރުކަށި ފިޔަވަޅުތަކާއެކު، އުމުރުދުވަހުގެ ޖަލު ހުކުމް އިއްވުނު މީހުންގެ ތެރޭގައި ތުރުކީގެ މަޝްހޫރު ވިޔަފާރަވެރިއެއް ކަމުގައިވާ، ކަމާލް ބަތްމޭޒް ހިމެނެއެވެ. އޭނާގެ މައްޗަށް ސާބިތު ވެފައިވަނީ، އާދިލް އޮކްސުޒްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތުހުމަތެވެ.

އެމެރިކާގައި ދިރިއުޅެމުންދާ ގުލެންގެ ހިޒްމެޓް ހަރާކަތަކީ ޓެރަރިސްޓު ހަރަކާތެއްގެ ގޮތުގައި އެރްދޮގާންގެ ސަރުކާރުންވަނީ ނިންމާފައެވެ.

އެމެރިކާގެ ޕެންސެލްވޭނިއާގައި ދިރުޅެމުންދާ 79 އަހަރުގެ ގުލާންއަކީ ކުރިން ތުރުކީގެ ރައީސް އެރްދޮގާންގެ ގާތް ބޭފުޅަކަށް ވިނަމަވެސް، 2016 ވަނަ އަހަރުގެ މި ބަޢާވާތައްފަހު، ތުރުކީ ސަރުކާރުންވަނީ ގުލާން ހައްޔަރުކުރަން އަމުރު ނެރެފައެވެ. އަދި ވަނީ ގުލެން އެގައުމާ ހަވާލުކުރަން އެމރިކާ ސަރުކާރުގައި އެދިފައެވެ.

އެރްދޮގާންވަނީ، މި ބައާވާތައްފަހު، އޭނާއަށް ތާއީދު ނުކުރާކަމަށް ބެލެވޭ މުވައްޒަފުން ތުރުކީގެ ހުރިހާ މުވައްސަސާއަކުން ބޭރުކޮށް، އެ މުވައްސަސާތައް ސާފުކޮށްފައެވެ. މިގޮތުން ގުލެންއާއި ގުޅުން އޮންނަކަމަށް ތުހުމަތުކޮށް، 100،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާތަކުން ވަކި ކޮށްފައިވެއެވެ. މީގެތެރޭގައި، ޓީޗަރުންނާއި، އެތަކެއް ފަޑިޔާރުންވެސް ހިމެނެއެވެ.

އެރްދޮގާންއާއި ދެކޮޅަށް ހިންގުނު މިހަރަކާތާއި ގުޅޭ އެތަކެއް ޝަަރީއަތްތަކެއް މިހާތަނަށް އައިއިރު ވަނީ ބޭއްވިފައެވެ. އަދި މިހާތަނަށް އައިއިރު، 2،500 އަށްވުރެ ގިނަ މީހުންނަށް އުމުރުދުވަހުގެ ޖަލުހުކުމްވަނީ މިބައާވާތާއި ގުޅިގެން އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.