ފްލޯޓިން ސިޓީ ހަދަން ދިނީ އެއްފަޅު ނޫނީ ދެފަޅު: އަސްލަމް

ފްލޯޓިން ސިޓީ ހަދަން ދިނީ އެއްފަޅު ނޫނީ ދެފަޅު: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2023 11:43
0

ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ މާ ބޮޑު ތަފްސީލެއް ނޭނގޭ ކަމަށާއި، އެމަސައްކަތް ކުރުމަށް ސަރުކާރުން ދީފައިވަނީ އެއްފަޅު ނޫނީ ދެފަޅުކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފްލޯޓިންގ ސިޓީއަކީ ރާއްޖެއާއި ދުނިޔޭގެ ގިނަ ޤައުމުތަކަށްވެސް އާކޮންސެޕްޓެކެވެ. އެހެންނަމަވެސް މިއީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޢާރަފްކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. ފްލޯޓިން ސިޓީ ފަޅުތައް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރެވުނު ފަހުން މިވީ ދިހަ އަހަރުގެ ތެރޭގައި އެއިން ފަޅެއްގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިފަހުން އެ ތަނުގައި ވިލާ އަޅަން ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ބައިސަން މޯލްޑިވްސްއާ ހަވާލުކުރި ނަމަވެސް އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފްލޯޓިން ސިޓީގެ މަސައްކަތާއި ގުޅޭގޮތުން ފުނަދޫ ދާއިރާގެ މެންބަރު އަހުމަދު ޝާހިދު ވަނީ އެ މަޝްރޫއަށް ކިތައް ފަޅު ދީފައިވޭތޯ ސުވާލު ކުރައްވައިފައެވެ. އަދި އެ މަސައްކަތް ދަނީ ކިހިނެއްތޯ ސުވާލު ކުރައްވައިފައެވެ.

ސުވާލުގެ ޖަވާބަށް މާބޮޑަށް ތަފްސީލަށް ނުގޮސް އަސްލަމް ވިދާޅުވީ މަސައްކަތް ކުރިއަށްދާކަމަށެވެ. ހަނދާން ވާގޮތުން އެމަޝްރޫޢުގެ މަސައްކަތް ކުރުމަށް ދީފައިވަނީ މާލެ ސަރަހައްދުގެ އެއްފަޅު ނޫނީ ދެފަޅުކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތުގައި ބަޔަކު އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެންމެ ފުރަތަމަ އެކަން ކުރަން އޮތީ ފަޅު ހިިއްކައިގެން ކަމަށް ހަނދާނަށް ނާންނަ ކަމަށެވެ.

މޮކަޕްއެއް ހެދުމަށް ރާއްޖޭގެ ކުންފުންޏަކާ ހަވާލުކުރިކަން ދެނަހުރިން، ސީދާ މިނިސްޓްރީގެ ދަށުން މިހާރު ހިނގާ ޕްރޮޖެކްޓެއް ނޫން އެއީ، އެހެންވީމާ އޭގެ ހުރިހާ ތަފްސީލެއް އެންމެ އެކިއުރޭޓް ލެވެލްގައި ނޭނގިދާނެ.

– އަސްލަމް ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަމުގައި ސޮއިކުރެވުނު އެއްބަސްވުމާއެކު، ޑަޗް ޑޮކްލޭންޑްސްއަށް މާލެ އަތޮޅުން ފަސް ފަޅެއް ވަނީ ދޫކުރެވުނެވެ. މި ފަޅުތައް އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވަނީ 27 ޖެނުއަރީ 2011 ގައެވެ. ޑަޗް ޑޮކްލޭންޑްސްއާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ 2021ގެ މާޗުގައެވެ. "ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަން ދީފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނޭނެ ކަން އިއުލާނު ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.