ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. 6.4ގެ ބާރުމިނުގައި އައި މި ބިންހެލުންވެސް އައިސްފައިވަނީ ތުރުކީ ސީރިއާ ބޯޑަރުގެ ސަރަހައްދަށެވެ.
މި ބިންހެލުމުގައި މިހާތަނަށް 3 މީހަކު ވަނީ މަރުވެފައެވެ.
ތުރުކީއަށް އައި މި ބިންހެލުން އައިސްފައމިިވަނީ، ހަމަ މި ސަރަހައްދަށް މީގެ ދެ ހަފްތާ ކުރިން އައި ވަރުގަދަ ބިންހެލުމުގައި 45،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ.
ދަ ޔޫރަޕިއަން މެޑިޓެރޭނިއަން ސީސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވަނީ މި ބިންހެލުން އައިސްފައިވަނީ ތުރުކީގެ އެންމެ ދެކުނުން އޮންނަ ހަތޭ ސަރަހައްދުގެ 2 ކިލޯ މީޓަރު ފުނުން ކަމުގައެވެ. ތުރުކީގެ އިންޓިރިއަރ މިނިސްޓަރ ސުލައިމާން ސޮއިލޫ ވިދާޅުވެފައިވަނީ މި ބިންހެލުމުގައި 3 މީހަކު މަރުވެ 200 މީހުންނަށް އަނިޔާވެފައިވާ ކަމުގައެވެ.
ބިންހެލުން އައިސްފައިވަނީ ޑެފިން ސިޓީއަށް ރޭގަޑު 8:04ގައެވެ. އަދި ބިންހެލުމުގެ އަސަރު ހަތޭ ޕްރޮވިންސްގެ ވެރިރަށް ކަމުގައިވާ އަންޓަކްޔާ އަދި އަޑަނާއިންއިން 200 ކިލޯމީޓަރު ދުރަށް ކޮށްފައިވެއެވެ.
6.4ގެ ބާރުމިނުގައި އައި މި ބިންހެލުމަށްފަހު އޭގެ މިނިޓްކޮޅެއް ފަހުން 5.8ގެ ބާރު މިނުގައި އިތުރު ބިންހެލުމެއް އައިސްފައިވާކަމަށްވެސް ތުރުކީގެ ޑިސާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެފައި ވެއެވެ.
ތުރުކީގެ ދައުލަތުގެ މީޑިއާ އޭޖެންސީން ބުނެފައިވަނީ މި ބިންހެލުންތަކުގެ އަސަރު އަވައްޓެރި ސީރިއާ، އުރުދުން، އިސްރާއީލް އަދި މިސްރަށްވެސް ކޮށްފައިވާކަމުގައެވެ.
ތުރުކީގެ ހަތޭ ޕްރޮވިންސްއަކީ މިޑެޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ތަނަކަށްވާތީ، މި ބިންހެލުންތަކުގެ ސަބަބުން ކަނޑުގެ ލޮނުގަޑު 50 ސެންޓިމީޓަރަށް އުފުލިދާނެތީ، އައްސޭރި ސަރަހައްދުތަކުން ދުރަށް މީހުން ދިއުމަށްވެސް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުންވަނީ އިލްތިމާސް ކޮށްފައެވެ.