ފާއިތުވި ހަފްތާގެ ހޯމަދުވަހު ތުރުކީއަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެގައުމުގެ 6،000 އިމާރާތެއް ވެއްޓި ބިމާ ހަމަވެފައިވާ ކަމުގައި ތުރުކީގެ މުވައްސަސާތަކުން ބުނެފިއެވެ.
މި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މިހާތަނަށް 25،000 މީހުން ތުރުކީއާއި އަވައްޓެރި ސީރިއާގައިވަނީ މަރުވެފައެވެ. މީގެ ތެރެއިން 21,000 މީހުންނަކީ ތުރުކީގައި މަރުވެފައިވާ މީހުންނެވެ. ސީރިއާއިން މަރުވެފައިވާކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ 3,500 މީހުންނެވެ.
މި ހާދިސާތަކާއި ގުޅިގެން، ތުރުކީގައި ފެންވަރު ދަށްކޮށް އިމާރާތް ކުރަމުންދާކަމަށް ބުނެ އެތައް ބައެއްގެ ރުޅިވެރިކަން ވަނީ އެގައުމުގެ ސަރުކާރަށް އަމާޒުވެފައެވެ.
މީގެ އިތުރުން، މި ބާރުގަދަ ބިންހެލުން އައި ސަރަހައްދު ތަކުގައި ހުރި ބިޔަ ގިނަ އިމާރާތްތައް ވެއްޓި ބިމާހަމަ ވެފައިވާތީ، ކުރިޔަށް ގެންދާ ތަހުގީގަށް މިހާތަނަށް 12 މީހަކު އެގައުމުގެ ކަމާބެހޭ މުވައްސަސާތަކުން ހައްޔަރު ކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.
ތުރުކީގެ ލޯކަލް މީޑިއާތަކުން ބުނެފައިވަނީ ފުލުހުން މި 12 މީހުން ހައްޔަރު ކޮށްފައިވަނީ އެގައުމުގެ އިރުދެކުނުގެ ޕްރޮވިންސްތައް ކަމުގައިވާ ގަޒިއާންޓެޕް އަދި ސަންލިއުފާއިން ކަމުގައެވެ.
ފުލުހުން ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންވެސް ހިމެނޭކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ބިންހެލުމުގައި ގެއްލުން ލިބުނު ތުރުކީގެ އިރު ދެކުނުގެ 10 ޕްރޮވިންސްގެ ތެރެއިން އެއް ޕްރޮވިންސް ކަމުގައިވާ ޑިޔަބަކިރ ޕްރޮވިންސްގެ ޕަބްލިކް ޕްރޮސެކިއުޓަރ މިހާރުވަނީ އިތުރު 29 މީހަކު ހައްޔަރު ކުރުމުގެ އަމުރު ނެރުއްވާފައެވެ. ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އަދިވެސް އިތުރު މީހުން ހައްޔަރު ކުރާނެކަމަށް ބެލެވެއެވެ.
ތުރުކީއަށް އައި ބިންހެލުން އައިތާ 135 ގަޑިއިރު ފަހުން، މީހުން ސަލާމަތް ކުރާ ފަރާތްތަކުން އަދިވެސް ދަނީ ދިރި ތިއްބާ އެއްވެސް ބަޔަކު ފެނޭތޯ މަސައްކަތް ކުރަމުންނެވެ. މިގޮތުން ބިންހެލުން އައިތާ 132 ގަޑިއިރު ފަހުން ތުއްތު ކުއްޖަކު ދިރިއޮއްވާ ސަލާމަތް ކޮށްފައިވާއިރު، އޭގެ ގަޑިއިރުތަކެއް ކުރިން ދިރިތިއްވާ ފިރިހެނަކާއި އަންހެނަކުވެސް ވަނީ ސަލާމަތް ކޮށްފައެވެ.
މި އެންމެންވެސް ސަމާތް ކޮށްފައިވަނީ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސިޓީ ކަމުގައިވާ ހަތައި ސިޓީގައެވެ. މިސިޓީގެ އެއަރޕޯޓު ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ހުޅުވަށް ހަމަޖެހިފައުވާކަމަށްވެސް ތުރުކީގެ ސަރުކާރުން ވަނީ ބުނެފައެވެ.