މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް ލިބޭ މީހުން ދުރާލައި ކަނޑައަޅައި ވަކި ހާއްސަ ލިސްޓެއް އަދި ހަދާފައި ނޯންނާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ވަކި ބޭފުޅުން ބޭނުންވާ ލިސްޓެއް ނޯންނާނެ ކަމަށާއި އަދި އެގޮތަށް އެކަން ކުރަން ވާޒީރުން ވާހަކަ ދައްކަމުންދާކަން ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ވަޒީރުން އެފަދަ ވާހަކަތަކެއް ދެއްކެވި ނަމަވެސް އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ވަކި ބޭފުޅުންކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެ. އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުން އެގޮތަށް ވާހަކަ ދައްކަވާ ކަމެއްވެސް.
– އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ އެކަހަލަ އެއްވެސް ވާހަކައެއް އަޑުވެސް އައްސަވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކާނަމަ އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން ޔަގީންކޮށްދެއްވިއެވެ. އަސްލަމް އިތުރަށް ވިދާޅުވީ އެފަދަ ވާހަކަތައް މިހާރު ދައްކާކަމަށް އިމްތިޔާޒް ވިދާޅުވާ މެންބަރުން ފިޔަވާ އިތުރު ބަޔަކު އެފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް އެއީވެސް ހަގީގަތެއް ހިމެނޭ ވާހަކަތަކެއް ނޫން ކަމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާނުކުރެއްވީ މާލޭ ރައްޔިތުން 5000 ގޯތި ދޫކުރުމާއި، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް 4000 ފްލެޓް ދޫކުރުމަށެވެ.
ސަރުކާރުން މާލެ ސަރަޙައްދުން ދިނުމަށް ނިންމި 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށް މިދިޔަ އަހަރު ޖޫންގައި ހުޅުވާލިއެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި، ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. ދެން ހިމެނެނީ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެތަނުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯއްޗެވެ.
މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅިކަމަށް ރައީސް ވިދާޅުވިއެވެ. ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅިކަމަށެވެ. މި ފޯމުތަކުގެ ސައްޙަކަން ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ