މަޖިލީހުގެ ތަޅުމަށާއި، ކޮމިޓީއަށް މިނިސްޓަރ އަމީރު ހާޒިރު ކުރަނީ

މަޖިލީހުގެ ތަޅުމަށާއި، ކޮމިޓީއަށް މިނިސްޓަރ އަމީރު ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2020 08:27
0

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުގައި ސުވާލު ކުރުމަށާއި، މާލިއްޔަތު ކޮމިޓީން ސާފުކުރަންޖެހޭ ބައެއް މައުލޫމާތުތައް ސާފު ކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކޮމިޓީއަށް ހާޒިރުކުރުމަށް ހަމަޖެހިއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި ސުވާލު ކުރެއްވުމަށް ހަަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00ގައެވެ.

ޖާބިރު މިނިސްޓަރ އަމީރާއި ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ކުއްލި ލޮޅުމުގައި މަސްވެރި ޢާއިލާތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބި މަސްވެރި ޢާއިލާތައް ބިކަވެފައިވާއިރު، ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި އަދި މި ސަރުކާރުން މަސްވެރިންނަށްވެފައިވާ ވައުދުތައް ނުފުއްދައި ދައުލަތުގެ ދަރަނިތައް ބޮޑުކޮށް، ދައުލަތުން އެލަވަންސްދިނުން ހައްޤުވާ ދިވެހި މަސްވެރިންނާއި ދަނޑުވެރި ޢާއިލާތަކަށް އެލަވަންސް ނުދެއްވަނީ ކީއްވެތޯ؟ އާއި އަދި އެފަރާތްތަކަށް އެލަވަންސް ދެއްވާނީ ކޮންއިރަކުތޯ؟ އެއްސެވުމަށެވެ.

މަޖިލީހުގެ ގަވާއިދު ހަމަޖެހިފާވާ ގޮތުން ވަޒީރާއި ސުވާލުކުރައްވާ މެމްބަރުގެ ސުވާލަށްފަހު އެހެނިހެން ސުވާލުތައް ކުރުމަށް 20 މިނިޓްގެ ފުރުސަތެއް ހުޅުވާލާނެއެވެ.

މިނިސްޓަރ އަމީރުވަނީ މިއަދު 2:30 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވެސް ހާޒިރުކުރުމަށް ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އަމީރު މިއަދު ކޮމިޓީއަށް ހާޒިރު ކުރަނީ ކޯވިޑް-19ގެ ސަބަބުން އައި އިޤްތިޞާދީ ލޮޅުންތަކާއި ގުޅިގެން ޚަރަދު ކުރެވުނު ގޮތާއި، މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.