ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޤާނޫނުތައް ތަންފީޒްކުރޭތޯ ޔަޤީންކުރަން ގޮވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޤާނޫނުތައް ތަންފީޒްކުރޭތޯ ޔަޤީންކުރަން ގޮވާލައިފި

Author
މުޙައްމަދު ޖިމީ
03 ޑިސެމްބަރ 2022 01:32
0

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރަންހަދާފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޒްކުރޭތޯ ޔަޢީންކުރުމަށް، އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ސަރުކާރަށް ގޮވާލައިފިއެވެ.

ނާޒިމް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ނާޒިމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމުން މިއަދު ދާއިރު، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރެވޭތޯ ސަރުކާރުން ޔަގީންކުރަން ޖެހޭކަމަށެވެ.

ނާޒިމް ވަނީ ހަމަހަމަ ފުރުސަތާއި ރައްކާތެރިކަން، އަދި ހިދުމަތް ފޯރުކޮށްދޭން ދައްކަން ޖެހޭ ހުއްޖަތެއް އޮވެގެން ނުވާނެކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރަން ޚާއްޞަ ޤާނޫނުތަކެއް ހެދިފައިވެއެވެ.

ރާއްޖޭގައި މިވަގުތު 36،000އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުރި މީހުން ތިބިކަމަށް ޖެންޑާއިން ކުރިން ހާމަކޮށްފައިވެއެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ 10މީހަކުން އެކަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.

ރާއްޖެއިން ފާހަގަކޮށްލެވޭ ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅުދުންތެރިކަން ހުންނަ މީހުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ %43 މީހުންނެވެ. ދެން އެންމެ ގިނައީ ފެނުމުން މަހުރޫމްވެފައިވާ މީހުންނެވެ. އެއީ އާބާދީގެ %24 އެވެ. %22.5 މީހުންނަކީ ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލަ ކަންކަން ކުރުމުގައި އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. ހަނދާން ބަލިވުމުގެ ނުކުޅެދުންތެރިކަން %19މީހުން ތަޙައްމަލްކުރަމުންދެއެވެ. އަދި %14މީހުންނަކީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށާއި %11މީހުންނަކީ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ސަރވޭއިން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.