ރާއްޖޭން ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 10600 އިން މައްޗަށް

ރާއްޖޭން ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 10600 އިން މައްޗަށް

Author
ހުސައިން
06 އޮކްޓޯބަރ 2020 10:34
0

ރާއްޖޭން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 10600 އަށްވުރެ އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭން ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން އިތުރު 54 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 52 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

އެޗް.ޕީ.އޭން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 45 ދިވެހިންނާއި 9 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،621 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ކޯވިޑް-19އަށް ބަލި މީހުންގެ ތެރެއިން ރާއްޖޭން ފާއިތުވި 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައި ވަނީ 39 މީހެކެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ޖުމްލަ 9466 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1114ގައި އުޅޭއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރުވެސް 407 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 68 މީހަކަށެވެ. އަދި އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގެ ވޯޑުގައި 6 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 1488 ސާމްޕަލެއް ވަނީ ނަގާފައެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކާއި، 20 ރިސޯޓެއްގައި ކޯވިޑް-19 ޖެހިފައިވާ މީހުން އެބަތިބިި ކަމަށެވެ. އެގޮތުން އަތޮޅުތަކުން ޕޮޒިޓިވްވި 59 ދިވެއްސަކަށާއި، 65 ބިދޭސީއަކަށް ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭން ވިދާޅުވެއެވެ. އަދި ރިސޯޓުތަކުން 10 ފަތުރުވެރިއަކަށާއި، 15 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެޗް.ޕީ.އޭން ވިދާޅުވެއެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 34 މީހަކު ވަނީ މި ބަލީގައި ރާއްޖޭން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.