ބުރިޖް ވެއްޓުނު ސަރަހައްދަށް މޯޑީ ޒިޔާރަތް ކުރައްވައިފި

ބުރިޖް ވެއްޓުނު ސަރަހައްދަށް މޯޑީ ޒިޔާރަތް ކުރައްވައިފި

އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓްގެ މޮބްރި ޑިސްޓްރިކްޓްގައި ބޭނުން ކުރަމުންއައި ސަސްޕެންޝަން ބުރިޖެއް ވެއްޓި ސަތޭއަކަށްވުރެ ގިނަ މީހުން މަރުވި ހާދިސާ ހިނގި ސަރަހައްދަށް ބޮޑުވަޒީގެ ނަރެންދުރަ މޯޑީ ޒިޔާރަތް ކުރައްވައިފިއެވެ.

19ވަނަ ގަރުނުގައި، އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްކޮށް ބިނާކޮށް، މީގެ ހަފްތާއެއް ކުރިން މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ފެށުނު މި ބްރިޖް މައްޗު ކޯރުގެ ތެރެއަށް ވެއްޓުނީ މިހަފްތާގެ އާދީއްތަ ދުވަހުއެވެ.

މި ހާދިސާގައި ކޯރަށް ވެއްޓުނު މީހުން ސަލާމަތް ކުރުމަށް ކުރިޔަށް ގެންދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އަންގާރަ ދުވަހުވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ބުރިޖް ވެއްޓުނު ހާދިސާއާއި ގުޅިގެން ބްރިޖްގެ މެއިންޓަނަންސް ބަލަހައްޓަމުން އައި ކުންފުނީ މުވައްޒަފުންވެސް ހިމެނޭގޮތުން މިހާތަނަށް 9 މީހުންވަނީ ހައްޔަރު ކޮށްފައެވެ.

230 މީޓަރުގެ ދިގު މި ބުރިޖަކީ 19ވަނަ ގަރުނުގައި އިނގިރޭސިންގެ އިސްތިއުމާރު އިންޑިއާގައި އޮތްއިރު ހަދާފައިވާ ބުރިޖެކެވެ. މި ބުރިޖް މަރާމާތު ކުރުމަށް 6 މަސްދުވަހަށް ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ.

މި ބުރިޖަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުހިންމު މަންޒިލެކެވެ. އަދި ގުޖުރާތު ސްޓޭޓުގެ ޓުއަރިޒަމް ވެބްސައިޓުގައި މި ބުރިޖް ސިފަކޮށްފައިވަނީ، މި ބުރިޖަކީ "އާޓިސްޓިކް އަދި ޓެކްނިލޮޖީގެ އަޖައިބު ކުރުވަނިވި އުފެއްދުމެއް"ގެ ގޮތުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އާދީއްތަ ދުވަހު ހަވީރު އިންޑިއާ ގަޑިން 18:40ގައި މި ބުރިޖް ވެއްޓުނުއިރު ބުރިޖް މަތީގައި އެތައް ސަތޭކަ މީހުން ތިއްބެވެ.

ހޯމަދުވަހު ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގައި 141 މީހުންވަނީ މަރުވެފައެވެ. އަދި އެއަށްފަހު ފުލުހުންވަނީ މިއަދަދު 153 އަށް ބަދަލު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *