ކަނޑުގެ މައްސަލަ މޮރިޝަސްއާއި ވާހަކަ ދައްކައިން ހައްލު ކުރުމަށް ނަޝީދުގެ ސަރުކާރުގަވެސް ވަނީ އެއްބަސްވެފަ: ރައީސް

ކަނޑުގެ މައްސަލަ މޮރިޝަސްއާއި ވާހަކަ ދައްކައިން ހައްލު ކުރުމަށް ނަޝީދުގެ ސަރުކާރުގަވެސް ވަނީ އެއްބަސްވެފަ: ރައީސް

Author
ހުސެއިން
27 އޮކްޓޯބަރ 2022 07:27
0

ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ގަބޫލުކޮށް، މި މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލު ކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައު މިމައްސަލަ ހޫނު ވެފައިވަނިކޮށް، މި މައްސަލައަކީ 2011 ވަނަ އަހަރު، ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މަސައްކަތްކޮށް، ފޯޅަވަހިން ބޭރަށް އޮތް ކަނޑުގެ ސަރަހައްދު ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ފުށު އަރާތީ، ދެގައުމުން ގުޅިގެން ހައްލުކުރުމަށް އެއްބަސްވެފައިވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސާލިހު ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވާއިރު، ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަޙައްދާއި ގުޅޭގޮތުން، އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަމުގައެވެ.

2011 ވަނަ އަހަރު މައްސަލަ ހައްލުކުރުމަށް މޮރިޝަސް ސަރުކާރާއެކީ އެއްބަސްވެފައިވާކަމަށް ރައީސް ވިދާޅުވެފައިވާއިރު، އޭރި ރައީސްޖުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި، މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް ދިވެހި ސަރުކާރަށް ދައުވާކުރެވޭނެ ކަމަށާއި، އެ އަތޮޅަކީ މޮރިޝަސްގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރުމުން، ސަރުކާރުން އެވަނީ ކަނޑުގެ ސަރަހައްދު ވިއްކާލުމަށް އެއްބަސް ވެފައި ކަމުގައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކު ކަމަށެވެ. މިގޮތުން މީގެ 30 އަހަރުކުރިން، ރައީސް މައުމޫންގެ ސަރުކާރުން، ޑރ. މުނައްވަރުގެ ބަންޑާރނައިބު ކަމުގައި މައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކާފައި އޮތީ އިނގިރޭސި ސަރުކާރާއެކީ ކަމަށެވެ. އަދި އޭރުވެސް އެއްބަސްވެފައި އޮތީ ދެގައުމުން ވާހަކަދ ދައްކައިގެން ފުށުއަރާ ކަނޑުގެ ސަރަހައްދާމެދު ގޮތެއް ކަނޑައެޅުމަށްކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުން މިމައްސަލާގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަމުގައެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިގޮތުން މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަޤީންކަން މިޖަލްސާގައި ރައީސް ސާލިހު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށްފައި އޮންނަކަމަށާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދު ފުށުއަރާނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލާގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.