ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ގަބޫލުކޮށް، މި މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލު ކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި މިމައްސަލަ ހޫނު ވެފައިވަނިކޮށް، މި މައްސަލައަކީ މީގެ 30 އަހަރުކުރިން، 1992 ވަނަ އަހަރު، ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް، ފޯޅަވަހިން ބޭރަށް އޮތް ކަނޑުގެ ސަރަހައްދު ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ފުށު އަރާތީ، ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި އެއްވަސްވެފައިވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސާލިހު ވިދާޅުވީ މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު (1992 ވަނަ އަހަރު ބަންޑަރަނައިބުކަން ކުރެއްވީ ޑރ. މުނައްވަރު) އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް ފުށުއަރާ ކަނޑުގެ ސަރަހައްދާމެދު ހަމަހަމަ އުސޫލަކުން އަމަލު ކުރުމަށް އެއްބަސްވެފައި ވާއިރު އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށްފައި ވާކަމަށެވެ.
ރާއްޖޭގެ ސިޔާސީ ފާރާތްތަކުގެ މެދުގައި ފޯޅަވަހީގެ މައްސަލާގައި އުފެދިފައިވާ ބަހުސްތަކުގައި، ރާއްޖޭގެ ކަނޑު ބޭރުބަޔަކަށް ވިއްކާލާފައިވާކަމަށް އެންމެ ހަރުއަޑުން ވާހަކަދައްވާ އެއްބޭފުޅަކީ، 1992 ވަނަ އަހަރު ބަންޑާރަނައިބުކަން ކުރެއްވި ޑރ. މުނައްވަރެވެ.
ރޭ ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވި ގޮތުގައި، އޭރު އެއްބަސްވެފައިވަނީ މޮރިޝަސްއާއި ރާއްޖެއާ ދެމެދު ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށް ކަމުގައެވެ. ރައީސް ސާލިހު ވިދާޅުވީ މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުން މިމައްސަލާގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައިކަމާއި ވަކި ސަރުކާރާކާއެކު ނޫންކަމުގައެވެ. އަދި ހަމައެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިގޮތުން މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަޤީންކަން މިޖަލްސާގައި ރައީސް ސާލިހު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށްފައި އޮންނަކަމަށާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދު ފުށުއަރާނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލާގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ