ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 5 ނޮވެމްބަރގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތު ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ މުޙައްމަދު އަސްލަމް ސޮއިކުރައްވައި ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކިކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭކަމަށް ލަފާ އަރުވާފައިވާތީކަމަށެވެ.
މިނިންމެވުމާއެކު ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާކަމަށްވެސް މިޤަރާރުގައި ވެއެވެ.
ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެންމެ ފުރަތަމަ ޢިއުލާންކުރެއްވީ 12 މާރިޗު 2020 ގައެވެ. އޭގެފަހުން އެކި ފަހަރުމަތިން ދަނީ މުއްދަތު އިތުރުކޮށް ދަމަހައްޓަމުންނެވެ. އެއްމެ ފަހުން އާއްމުކުރި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ. މި ޙާލަތު މީގެ ކުރިން 7 ފަހަރެއްގެމަތިން ވަނީ ދަމަހައްޓާފައެވެ.
ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރި "ބަލިމަޑުކަމެއް"ގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ 7 މާޗް 2020ވަނަ ދުވަހު ރާއްޖޭގެ ރިސޯޓަކުންނެވެ. ނަމަވެސް މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށް ނިންމައި މުޅި ރާއްޖެއަށް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވާފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. މިހާތަނަށް އައިރު ރާއްޖެއިން 10،600އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެފައެވެ. މީގެތެރޭގައި އަތޮޅުތަކުންވެސް ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓު ފޮނުވާ