ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް ނުވަތަ ފޯޅަވެއްސަކީ މޮރިޝިއަސްގެ ތަނެއްގެ ގޮތުގައި ގަބޫލު ނުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލުމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ވަނީ ތާއީދުކުރަން ނިންމާފައެވެ. ރާއްޖެއިން އެގޮތަށް ނިންމުމުން ގިނަ ބަޔަކަށް އޮޅުން އަރައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ކުރި ކަމަށް ގަބޫލު ކުރެވި، ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
މިމައްސަލާގައި ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ރައްޔިތުން މިކަމުގައި ދެކެމުންދާ ގޮތާއި އެއްކޮޅަށް ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި މިމައްސަލާގައި އަމަލު ކުރެއްވިގޮތް ކުރި ގޮތަކަށް މަޖިލީހުގެ ވަަޓްސްއަޕް ގްރޫޕަށް ހިއްސާ ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ފޯޅަވަހި އެއީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ގަބޫލު ނުކުރައްވާނެކަމަށެވެ. 2020 ވަނަ އަހަރާއި ހަމައަށްވެސް އެބާރުވެރިކަން ދޫނުކުރުމުން މޮރިޝަސްއިން ކޯޓަށް ދިޔައީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ 2011 ގައި ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޖޮއިންޓް ކޮމިއުނިކޭއެއް ނެރެވުނުކަމަށެވެ. އޭގައިވާނީ ދެ ގައުމު ދެމެދުގައި ވާހަކަ ދައްކައިގެން ދިވެހިރާއްޖޭގެ މިހާރުގެ ސަރަހައްދުން ބައެއް ނުގެއްލޭ ގޮތަށް އެއްބަސްވާން ކަމަށެވެ. ނަމަވެސް މިކަމަށް އަދާއި ހަމައަށްވެސް އެއްބަސް ވެވިފައި ނުވާކަމަށެވެ.
12 މާރިޗު 2011 ގައި ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޖޮއިންޓް ކޮމިއުނިކޭއެއް ނެރެވުނު. އޭގައިވާނީ ދެ ގައުމު ދެމެދުގައި ވާހަކަ ދައްކައިގެން ދިވެހިރާއްޖޭގެ މިހާރުގެ ސަރަހައްދުން ބައެއް ނުގެއްލޭ ގޮތަށް އެއްބަސްވާން. ފޯޅަވަހި އެއީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ގަބޫލެއް ނުކުރަން. 2020 ވަނަ އަހަރާ ހަމައަށްވެސް އެ ކޮމިއުނިކޭ ތަންފީޒު ނުކުރުމުން މޮރިޝަސްއިން ކޯޓަށް ދިޔައީ.
– ރައީސް ނަޝީދު މަޖިލިސް ވަޓްސް އަޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން 2019 ވަނަ އަހަރު ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޮސް އައިލެންޑްގެ ކަނޑުގެ ސަރަހައްދާ ފުށު އަރާ ކަމަށެވެ.
ނަމަވެސް ރާއްޖޭން ކުރިން ގަބޫލުކުރި ގޮތުގައި ޗާގޮސް އައިލެންޑްސްއަކީ އިނގިރޭސިވިލާތުގެ ބައެކެވެ. މިހާރު ވެސް އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދޫކޮށްފައިވާ ޗާގޮސް އައިލެންޑްސްގެ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރެއެވެ. ނަމަވެސް މި މައްސަލަ ރާއްޖެ އާ ދެކޮޅަށް ނިމިއްޖެނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމުގެ ބިރު އެބަ އޮތެވެ.