ޔޯގާ މައްސަލަ: ދައުވާ ކޮށްފައިވަނީ އަމިއްލަ ފައިދާ ހޯދުމަށްޓަކައި، އިންޑިއާ ރުއްސުމަށް!

ޔޯގާ މައްސަލަ: ދައުވާ ކޮށްފައިވަނީ އަމިއްލަ ފައިދާ ހޯދުމަށްޓަކައި، އިންޑިއާ ރުއްސުމަށް!

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ އިންޑިއާ ސަރުކާރުން ބޭނުންވާ އަމިއްލަ މަންފާތައް ހޯދުމަށްޓަކައި، އިންޑިއާ ރުއްސުމަށް ކަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ޕީޖީ އޮފީހުން ބުނި ގޮތުގައި ޖުމްލަ 19 މީހެއްގެ މައްޗަށް މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވެއެވެ. ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި 25 އަހަރާ ހަމައަށް ޖަލު ހުކުމް އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ބޮޑެތި ދައުވާތައް ހިމެނެއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމަށެވެ. އަދި އެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ނަމަވެސް، އެގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށެވެ.

ޖޫން 21 ވަނަ ދުވަހުގެ ހަމަނުޖެހުމަކީ އިންޑިއާ ސަރުކާރުން ލަފާދީފައިވާ ގޮތަށް އިންޑިއާގެ އަސްކަރިއްޔާ އަށް މި ގައުމުގައި ގާއިމުވެ ތިބުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށް ބެލެވޭ އެތައް ކަމެއް އެ ދުވަހު ހިނގާފައިވެ އެވެ.

– އެ ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި އިންޑިއާ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި ޔޯގާ ޑޭގެ ހަމަނުޖެހުމުގައި އިންޑިއާގެ އަތެއްވާ ކަމަށް އެ ޕާޓީން ތުހުމަތު ކުރިއެވެ. އަދި މުހައްމަދު އިސްލާމާއީލުގެ މައްޗަށް ދައުވާކުރާއިރު އޭނާއަކީ އެ ދުވަހު ގަލޮޅު ދަނޑަށް ވަން ބޭފުޅެއްވެސް ނޫންކަމަށާއި، އޭނާއަކީ ހަމަނުޖެހުން ހިނގިއިރު އެ ސަރަހައްދުގައިވެސް ހުންނެވި ބޭފުޅެއް ނޫންކަމަށް އެ ކޯލިޝަނުން ބުނެއެވެ.

މުހައްމަދު އިސްމާއީލަށް ދައުވާކުރަން ނިންމި ނިންމުން ކުށްވެރިކޮށް އެ ނިންމުން އަނބުރާ ގެންދިއުމަށް އެ ކޯލިޝަނުންވަނީ ގޮވާލާފައެވެ. އަދި 21 ޖޫންގެ ހަމަނުޖެހުމަކީ އިންޑިއާއިން ލަފާދިން ގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމަށް ޤާއިމުވެ ތިބެވޭނެ މަގުފަހިކުރަން ސަރުކާރުން ގަސްތުގައި ހިންގުވި ކަމެއްކަމަށް އެ ކޯލިޝަނުން ތުހުމަތުކުރެއެވެ.

ދަނޑު ތެރެއަށް ވަދެގަތީ އެ މުޒާހަރާއަށް ސަރުކާރުން ފޮނުވި ބަޔަކު އިސްވެ ތިބެ ކަމަށާއި، އެ މީހުންނަށް ދަނޑަށް ވަންނަން ފުލުހުން ފުރުސަތު ދިން ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ. އަދި ހަމަނުޖެހުން ހިނގީ ދަނޑަށް މީހުން ވަންނަން ފުލުހުން ފުރުސަތު ދިނުމުންކަމަށް ކޮމިޝަނާ އޮފް ޕޮލިސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

މިކަމުގެ އެއް ބޭނުމަކީ ރާއްޖެއަކީ ހަރުކަށި ވިސްނުމުގެ މީހުން ގިނަ ޤައުމެއްގެ ގޮތުގައި ބޭރު ދުނިޔެއަށް ދެއްކުންކަމަށް އިދިކޮޅުން ދެކެއެވެ. މި މައްސަލާގައި ދައުވާކުރި ދަނޑިވަޅަކީ އިންޑިއާއިން އިތުރު 100 މިލިއަން ޑޮލަރު ނެގުމާއި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ދަނޑިވަޅަކަށްވުމަކީ އިއްތިފާޤެއް ކަމުގައި ޤަބޫލުނުކުރާ ކަމަށް ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސަރުކާރުން ކުރާ ހުރިހާ ކަމަކީ ސާފުކޮށް ރައްޔިތުންނަށް ފެންނަންހުރި ކަންކަމަށްވީތީ އިންޑިއާ ސަރުކާރާއި ރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީން އަންގާ ގޮތަށް ދިވެހި ރައްޔިތުން ނިކަމެތި ނުކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.