މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތިންވަނަ ފިޔަވަހި ފެށުމަށްޓަކައި، ހެންވޭރު ފެރީ ޓާމިނަލުން ދެމުން އައި އަތޮޅު ފެރީގެ ޚިދުމަތްތައް އެހެން ޓާމިނަލްތަކަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން އަތޮޅުތަކަށް ލަފާފުރާ ފެރީތައް އޮޕަރޭޓްކުރާނީ މާފަންނުގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލުންނެވެ. މި ބަދަލާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެއެވެ. މި ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް ހަދަން ނިންމާފައިވާއިރު، މަސައްކަތް ކުރިއަށް ގެންދާނީ މަގު ބައިބަޔަށް ބަންދުކޮށްގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށެވެ. އޭގެ ފަހުން މަސްވެރިންގެ ޕާކުން ފަސް ނަންބަރު ފާލަމަށް، އަދި އެންމެ ފަހުން ފަސް ނަންބަރު ފާލަމުން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ބަންދުކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ މަހުގެ ނިޔަލަށް މި ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. މީގެ ކުރިން އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތާރުއަޅައި ނިންމާފައިވާއިރު، އެކަމުގެ ސަބަބުން މާލޭގެ ޓްރެފިކަށް އަދި އާންމު ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފައެވެ.
ކޮމެންޓު ފޮނުވާ