އީރާނުން އިސްރާއީލުގެ ހައިފާގެ ތެޔޮ ކާރުހާނާއަކަށް ހަމަލާދީފި

އީރާނުން އިސްރާއީލުގެ ހައިފާގެ ތެޔޮ ކާރުހާނާއަކަށް ހަމަލާދީފި

Author
ޙަސަން މުޙައްމަދު
19 މާރޗް 2026 09:56
0

އިސްރާއީލުން ހިފާފައިވާ ހައިފާގައި ހުރި ތެޔޮ ކާރުހާނާއަކަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި އެތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރެސްކިއު ޓީމުތަކުން މައުލޫމާތު ދޭގޮތުގައި މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް އަދި ހަށިގަނޑަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ކާރުހާނާގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، އަނދަމުންދާ މަންޒަރު ފެންނައިރު، މި ހާދިސާއާ ގުޅިގެން އިސްރާއީލުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާއަކީ އިސްރާއީލުން އީރާނުގެ އުތުރުގެ ބަންދަރު އަންޒާލީ އާއި ސައުތު ޕާސް ގޭސް ފީލްޑްގެ އިތުރުން އަސަލުޔޭގައި ހުންނަ ތެލާއި ޕެޓްރޯކެމިކަލް ފެސިލިޓީތަކަށް ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދިން ހަމަލާއެކެވެ. މީގެ ކުރިން އީރާނުން ވަނީ ގަތަރާއި ކުވައިތު އަދި ސައުދީ އަރަބިއްޔާގެ ތެޔޮ މަރުކަޒުތަކަށްވެސް ހަމަލާދީފައެވެ. މިގޮތުން އީރާނުން ދިން ހަމަލާތަކުގައި ގަތަރުގެ މައި ގޭސް ކާރުހާނާއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ދެ ގައުމުގެ ދެމެދުގައި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ކަންބޮޑުވާ މިންވަރަކަށް އުފުލިފައެވެ. މިގޮތުން ބްރެންޓް ކްރޫޑް އޮއިލް ފީފާއެއްގެ އަގު މިހާރު 111 ޑޮލަރަށް އަރާފައިވާއިރު، މިއީ މުޅި ދުނިޔޭގެ ހަކަތައިގެ ސިނާއަތަށާއި ތެލާއި ގޭސް އުފައްދާ ތަންތަނަށް ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކާއެއްކަން މި ހަމަލާތަކުން ސާބިތުކޮށްދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.