ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސްގެ ޚިޠާބު: މުސްލިމުންނަށް ބާރުވެރިކަމާއި ނަޞްރަށް އެދިވަޑައިގެންފި

ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސްގެ ޚިޠާބު: މުސްލިމުންނަށް ބާރުވެރިކަމާއި ނަޞްރަށް އެދިވަޑައިގެންފި

Author
ހުސައިން
19 މާރޗް 2026 10:01
0

ބަރަކާތްތެރި ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، މުޅި އިސްލާމީ އުންމަތަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ވަނީ، މިއަދުގެ ޢީދު ބައްދަލުކުރިއިރު ފަލަސްޠީނާއި މެދުއިރުމަތީގެ އެހެނިހެން ސަރަޙައްދުތަކުގައި މުސްލިމުން އުފުލަމުންދާ ބޮޑެތި ވޭނާއި ތަކުލީފުތަކުގެ މަތިން ހަނދާންކޮށްދެއްވާފައެވެ. އަދި ދިވެހިން ތިބީ އެކަމުގެ ހިތާމައިގައި ބައިވެރިވެގެންކަން ހާމަކުރައްވައި، އެ އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަން މިންވަރުކޮށްދެއްވައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަން ދެއްވުމަށް އެދި ދުޢާކުރެއްވިއެވެ.

ޢީދުގެ އުފާފާޅުކުރުމާ ގުޅޭގޮތުން ރައީސް އިރުޝާދު ދެއްވީ، ކާބަފައިންގެ ޒަމާނުއްސުރެ ވާރުތަވަމުން އައިސްފައިވާ ރީތި އާދަކާދަތައް ދިރުވައި އާލާކުރުމަށެވެ. އެގޮތުން ޢީދު ވާންޖެހޭނީ ދިވެހިންގެ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ދައްކުވައިދޭ އަގުހުރި ރަމްޒަކަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، މި އުފާފާޅުކުރުންތައް ކުރިއަށްގެންދަންވާނީ އިސްލާމީ ރިވެތި އުޞޫލުތަކާއި އިންތަކުގެ ތެރެއިންކަން ފާހަގަކުރައްވައި، މާތް ﷲ އަށް ޝުކުރުވެރިވެ، އެކަކު އަނެކަކަށް ހިތްހެޔޮކޮށް އުޅުމަށް ބާރުއެޅުއްވިއެވެ.

ރަމަޟާން މަހު އަޅުގަނޑުމެން ދަސްކުރި ފިލާވަޅުތަކުގެ މަތީގައި ދެމިތިބުމުގެ މުހިންމުކަންވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ހެޔޮ ޢަމަލުތައް ގިނަކޮށް، ރަނގަޅު ބަސްބުނުމާއެކު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށްވެސް ރައީސް ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ. މި އުފާވެރި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ދިވެހި އެންމެހާ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.