ބްރިޖު ހައިވޭން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތަކުގައި ޖެހި ފުރޮޅާލި އެކްސިޑެންޓްގައި ކާރު ދުއްވަން އިން، ރާއްޖެއަށް ތެޔޮ އެތެރެކުރާ ހޯކްސް ކުންފުނީގެ ސީއީއޯ ހަސަން ރިފާއު، 40، މ. މިއުނިކް/ބ. ކަމަދޫގެ ލައިސަންސް ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ ހެނދުނު 8:40 އެހާކަންހާއިރު، ބްރިޖު ހައިވޭން ހުޅުމާލެއަށް ފައިބާ ހިސާބުގައި ހުރި ސޯލާ ޕެނަލްތަކުގައި ހަރުކޮށްފައި ހުރި ހޮޅިނޑުތަކުގައި ކާރު ޖެހިގެންނެވެ. އެ ވަގުތު ކާރުގައި ރިފާއުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖަކު ވެސް އިނެވެ. މި ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ސީރިއަސް އަނިޔާއެއް އެއްވެސް މީހަކަށް ނުލިބުނު ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް، ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ސޯލާ ޕެނަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ހަލާކުވި ކާރުގެ ބައިތައް މިހާރު ވަނީ ކާރުގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ފުލުހުން ސީދާ ވެރިފަރާތުގެ ނަން ހާމަނުކުރި ނަމަވެސް، އެއީ ހޯކްސް ކުންފުނީގެ ކާރެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓު ފޮނުވާ