އީރާނާ ވިޔަފާރިކުރާ ގައުމުތަކާއި ކުންފުނިތަކާ ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.
ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 0.65 އިންސައްތަ އުފުލި 94.39 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ޑަބްލިއުޓީއައި ކްރޫޑްގެ ފީފާއެއްގެ އަގު 0.26 އިންސައްތަ އުފުލި 87.06 ޑޮލަރަށް ވަނީ އަރާފައެވެ. މި ހަފުތާގައި އެކަނިވެސް ބްރެންޓްގެ އަގު 6.39 އިންސައްތަ އަދި ޑަބްލިއުޓީއައިގެ އަގު 5.66 އިންސައްތަ އުފުލިފައިވާއިރު، މިއީ ޖުލައި 24 ގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ތާރީޚުގައި ވެސް ނާޅާ ވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާނުން ވަނީ އެ ފިޔަވަޅުތަކަށް ހަލާކުކޮށްލަނިވި ރައްދެއް ދޭނެ ކަމަށް ބުނެފައެވެ. އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އީރާން ބަންދުކޮށްފައި އޮތުމުން މިހާރު ވެސް އެ ގައުމުން ތެޔޮ ބޭރުކުރުން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ޝިޕް-ޓްރެކާ ކްޕްލާގެ ހިސާބުތަކުން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހު ހޮރުމޫޒް ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އެންމެ 7 އުޅަނދެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން، ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދައުރުވަމުން ދިޔައީ މި ކަނޑުއޮޅިންނެވެ. ސައޫދީ އަރަބިއްޔާ، އިރާގު، ޔޫއޭއީ އަދި ކުވައިތު ފަދަ މައިގަނޑު ގައުމުތަކުން ތެޔޮ ސަޕްލައި ކުރުން މަދުކޮށްފައި އޮތުމުން ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ ލިބުން އިތުރަށް ދަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ކޮމެންޓު ފޮނުވާ