ރަސްމާލެ ހިއްކުމަށް 330 މިލިއަން ޑޮލަރު؛ ބޮޑު ބައެއް ދައްކާފައިވަނީ ރުފިޔާއިން

ރަސްމާލެ ހިއްކުމަށް 330 މިލިއަން ޑޮލަރު؛ ބޮޑު ބައެއް ދައްކާފައިވަނީ ރުފިޔާއިން

Author
އަހުމަދު
10 ނޮވެމްބަރ 2026 01:29
0

 

ރަސްމާލޭގެ 1،009 ހެކްޓަރު އެއްކޮށް ހިއްކައި ނިންމުމަށް ދައުލަތަށް ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބާއްވާ "އަހާ" ފޯރަމުގައި، ރަސްމާލޭގެ ޖުމްލަ ޚަރަދާ ބެހޭގޮތުން އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަޝްރޫއު ފެށި ދުވަސްވަރު އޭގެ ޚަރަދު 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަންދާޒާކުރި ކަމަށެވެ. އެ އަންދާޒާ ހަދާފައިވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ހިނގި ޚަރަދާއި ބާޒާރު އަގުތަކަށް ބަލައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ހިމަނައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، މަސައްކަތް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށް، ޑްރެޖަރު ޗާޓަރުކޮށްގެން ކުރުމުން ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވުނު ކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، 500 ހެކްޓަރު ހިއްކުމަށް ހިނގާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރެވެ. މުޅި މަޝްރޫއު މިއަހަރު ނިމުމުގެ ކުރިން ނިންމުމަށް ސަރުކާރުން އަމާޒުކޮށްފައިވެއެވެ.

ރަސްމާލެ ހިއްކުމަށް 700 މިލިއަން ނުވަތަ 1 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ބުނަނީ، ސިޔާސީ މަޤްޞަދުގައި ރައްޔިތުންގެ ހިތްތަކުގައި ބިރު އުފެއްދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޑޮލަރުގެ ދަތިކަމަށް އަސަރު ނުކުރާނެހެން، މި މަޝްރޫއުގެ ޚަރަދުގެ ބޮޑު ބައެއް ދައްކާފައިވަނީ ދިވެހި ރުފިޔާއިން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.