ޗާގޯސް ކޮމިޝަނަށް ބަދަލުތަކެއް: ރައީސަކަށް ޑރ. އަބްދުލްމުހުސިން

ޗާގޯސް ކޮމިޝަނަށް ބަދަލުތަކެއް: ރައީސަކަށް ޑރ. އަބްދުލްމުހުސިން

Author
އަހުމަދު
10 ނޮވެމްބަރ 2026 01:28
0

 

ޗާގޯސް މައްސަލައިގައި ކުރީގެ ސަރުކާރުން ކަންކުރި ގޮތް ބަލަން އުފެއްދި ޚާއްސަ ރިޔާސީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެނެސްފިއެވެ. ނޮވެމްބަރު 1 ގައި އުފެއްދި މި ކޮމިޝަނަށް ބަދަލު ގެނައީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އާ ރިޔާސީ ގަރާރާއި އެކު ކޮމިޝަނުގެ ރައީސް ކަށިމާ އަހުމަދު ޝާކިރާއި މެންބަރު އަބްދުލްއަޒީޒު ޔޫސުފް ވަކިކުރެވިފައި ވެއެވެ. އެ ދެ ބޭފުޅުންގެ ބަދަލުގައި ކެޕްޓަން އަހުމަދު ޒުބައިރާއި އާއިޝަތު ފަޒުނާ އަހުމަދު އައްޔަންކުރެވިއްޖެއެވެ. ކޮމިޝަނުގެ ރައީސްކަމަށް ހަމަޖެހީ ކުރިން ވެސް މެންބަރެއްގެ ގޮތުގައި ހިމެނުނު ޑރ. އަބްދުލްމުހުސިން މުހައްމަދެވެ.

ކޮމިޝަނުގެ ބާކީ މެންބަރުންނަކީ ޑރ. އާމިނަތު ޝާފިޔާ އާދަމް، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގު، އަހުމަދު އަލީ މަނިކު އަދި ފާތިމަތު މިންހަތު އިއްޒަތެވެ.

އިޓްލޮސްގެ 28 ވަނަ ކޭހުގައި ދައުލަތުގެ މުވައްޒަފުން، މުޝީރުން އަދި އިސްވެރިންގެ ފަރާތުން ގާނޫނީ އިހުމާލެއް ވެފައިވޭތޯ ބަލައި، ފިޔަވަޅު އެޅުމަށް ލަފާދިނުމަކީ ކޮމިޝަނުގެ މައިގަނޑު މަސައްކަތެވެ. ބައިނަލްއަގުވާމީ މާހިރުންގެ ރިޕޯޓެއްގައި ބުނެފައިވަނީ، އޭރުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް ގެއްލި، މަސްވެރިކަމާއި ގުދުރަތީ ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އިޓްލޮސްގެ ނިންމުމާއި އެކު ފުށުއަރާ 95,563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47,232 އަކަކިލޯމީޓަރު ލިބުނުއިރު، މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ލިބުނެވެ. ކޮމިޝަން ދެމިއޮންނާނީ އޭގެ މަސައްކަތް ނިމިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.