ޢީދު ދުވަހުގެ ދަތުރުފަތުރުގެ ޝެޑިއުލަށް އެމްޓީސީސީން ބަދަލުތަކެއް ގެނެސްފި

ޢީދު ދުވަހުގެ ދަތުރުފަތުރުގެ ޝެޑިއުލަށް އެމްޓީސީސީން ބަދަލުތަކެއް ގެނެސްފި

Author
ހުސައިން
19 މާރޗް 2026 10:00
0

މާލެ ސަރަޙައްދުގައި ޢީދު ދުވަހު އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ދޭނެ ގޮތުގެ ތަފްސީލް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އާންމުކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މާދަމާ މާލެ ސަރަޙައްދުގެ ބަހުގެ ޚިދުމަތް އާންމުކޮށް ފަށާނީ ހެނދުނު 8:00 ގައެވެ. ނަމަވެސް، ހުޅުމާލޭގެ ދެ ފިޔަވައްސާއި މާލެއިން އެއަރޕޯޓަށް ކުރާ ދަތުރުތައް ފަތިހު 5:30 އިން 6:35 އަށް ކުރިއަށްދާނެއެވެ. އަދި މާލެއިން އެއަރޕޯޓަށް ކުރަންޖެހޭ ދަތުރުތައް އަލުން 6:40 ގައި ފަށާއިރު، ވިލިމާލޭގެ ބަހުގެ ޚިދުމަތް ހެނދުނު 6:00 އިން 8:00 އަށް އޮންނާނީ މެދުކަނޑާލާފައެވެ.

ފެރީގެ ޚިދުމަތަށް ބަލާއިރު، ޢީދު ނަމާދުގެ ކުރިން މާލެއިން ވިލިމާލެއަށް ކުރާ އެންމެ ފަހު ދަތުރު ހެނދުނު 6:30 ގައި އޮންނައިރު، ނަމާދަށްފަހު އަލުން ދަތުރުތައް ފަށާނީ 8:00 ގައެވެ. ހަމައެހެންމެ، މާލެއާއި ތިލަފުއްޓާ ދެމެދު ކުރާ ދަތުރުތައް ހެނދުނު 8:30 ގެ ފަހުން ފަށާއިރު، މާލެއިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު 14:00 ގައެވެ.

މީގެ އިތުރުން، ޢީދު ބަންދާ ގުޅިގެން އާދިއްތަ ދުވަހު ހުޅުމީދޫ، ފޭދޫ އަދި ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއިން ކުރަމުން އައި އަތޮޅު ފެރީގެ ދަތުރުތައް، މާފަންނު އަދި ހުޅުމާލެ ފެރީ ޓާމިނަލް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ބަދަލުގެނެސްފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.