ސައިކަލެއް ވަގަށް ނަގައިގެން ހައްޔަރުކުރި މީހަކު، އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވައްކަމުގެ ތުހުމަތުގައި 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށާއި، ފުލުހުންގެ ހާދިސާ ރިޕޯޓާއި އޭނާގެ ކުށުގެ ރެކޯޑް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި، އޭނާ އަތުން ވަނީ ވަގަށް ނަގާފައިވާ ސައިކަލު ފެނިފައެވެ. ނަމަވެސް ކޯޓުގައި އޭނާ ބުނެފައިވަނީ ސައިކަލު ނެގުނީ އޮޅުމަކުން ކަމަށެވެ. ކޯޓު އަމުރުގައި ވަނީ އޭނާއަކީ ކުރިންވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއް ކަމަށް ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ