250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް މިއަދުން ފެށިގެން މަނާ

250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް މިއަދުން ފެށިގެން މަނާ

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 03:56
0

ފެން ފިޔަވައި، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

މި ބަދަލު ގެންނަވާފައިވަނީ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ނަންބަރު 35/2025 އަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން ގެންނެވި އިސްލާހެއްގެ ދަށުންނެވެ. މި އިސްލާހުގައި، ކުރިން 500 މިލިލީޓަރުގައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 250 މިލިލީޓަރަށް ބަދަލުކޮށްފައިވާއިރު، އިސްލާހުތަކާއެކު އެކުލަވާލި ގަރާރު ނަންބަރު 15/2026 މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މީގެ އިތުރުން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހު 1 ޖޫން 2031 އަށް، އަދި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހު 19 ޑިސެންބަރު 2031 އަށް ވަނީ ފަސްކޮށްފައެވެ. ހަމައެއާއެކު، އެއް ލީޓަރާއި އެއަށްވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފެންފުޅި އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީހަކީ 1 ޑިސެންބަރު 2029 ކަމަށާއި، ބާޒާރަށް ނެރުން މަނާކުރާ ތާރީހަކީ 1 ޖޫން 2030 ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.