ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތައް ހުރަސް އަޅާ، ގަލުޅޮ ދަނޑަށް ވަދެގަތް މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ފަޒްލުން ބިން މުހައްމަދު ހިމެނޭހެން 18 މީހަކަށް ދައުވާކޮށްފިއެވެ.
މިދިޔަ މެއި މަހު ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. މިދެދައުވާގެ ހުކުމަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ދައުވާ އޭނާއާ އެކު އިތުރު ހަ މީހަކަށް ކުރެއެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއެއް އިތުރު ހަ މީހެއްގެ މައްޗަށް ކުރެއެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާލިބޭ މީހުން:
1. ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް
2. ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
3. ތ. ތިމަރަފުށީ އަލީއާބާދު، އަލީ މުހައްމަދު
4. ނ. ވެލިދޫ މިލާނޯ، އިބްރާހިމް ޒިހާން
5. ލ. މުންޑޫ އަންނާރުމާގޭ، މުހައްމަދު ޝާން
6. ހދ. ކުޅުދުއްފުށީ ބާބޫގޭ ހުސައިން އަލީ
7. މ. ފަޅުމަތީގޭ އަހުމަދު އަލީ
ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާލިބޭ މީހުން:
1. މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
2. ތ. ތިމަރަފުށީ ނަރުގިސްވިލާ، ރިފާއު
3. ނ. މިލަންދޫ ކާނޭޝަންމާގޭ އަބޫބަކުރު ފާރިއު
4. ރ. ކަނދޮޅުދޫ އަލަމާގޭ އަހުމަދު އަކްސަމް
5. ގއ. މާމެންދޫ އަސްރަފީވިލާ އަހުމަދު ނަސޫހް
6. މ. ކުދެހިގޭ ހަސަން ޝިފާޒް
7. ފ. ދަރަނބޫދޫ އާބާދީގުލްޝަން ޝަބިމް އާދަމް
މިދައުވާތައް މިމީހުންގެ މައްޗަށް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލުހުމެއް އަންނާނެއެވެ.
މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް 15 މީހަކަށް ކުރާއިރު، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެެއް އެކަކުގެ މައްޗަށް އަދި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެއް ތިން މީހެއްގެ މައްޗަށް ކުރެއެވެ.
ކޮމެންޓު ފޮނުވާ