ރާނީގެ ޖާނާޒާ ރަސްމީ އިއްޒަތުގައި ކުރިޔަށްދަނީ

ރާނީގެ ޖާނާޒާ ރަސްމީ އިއްޒަތުގައި ކުރިޔަށްދަނީ

ގުޅުންހުރި

މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވެފައިވާ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2ގެ ޖަނާޒާ އިނގިރޭސިވިލާތުގައި ފެށިގެން ކުރިޔަށް އެބަ ދެއެވެ.

އިނގިރޭސިވިލާތުގެ ގަޑިން މިއަދު ހެނދު 11 އިން ފެށިގެން ކުރިޔަށްދާ ޖަނާޒާ އެންމެ ފުރަތަމަ ފެށިފައިވަނީ ވެސްޓެމިންސްޓަރ އަބޭއިންނެވެ. މިއީ ރާނީ ކައިވެނި ބައްލަވައިގެންނެވި ހަފްލާ ބޭއްވުނު އިމާރާތެވެ. އަދި އިނގިރޭސި ތަޚުތާއި އެކަމަނާ ހަވާލު ވެވަޑައިގެންނެވީވެސް މި އިމާރާތުގައެވެ.

ވެސްޓެމިންސްޓަރގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތަށްފަހު ރާނީގެ ސަންދޯއް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މަގުތަކުން ދަތުރުކޮށް ގެންދެވުނީ ވިންޑްސޯރ ކާސަލްއަށެވެ. އެއަށްފަހު ރާނީގެ ސަންދޯއް ގެންދެވުނީ ވިންޑްސޯރ ކާސަލްގެ އެތެރޭގައި ހުންނަ އެސްޓީ ޖޯޖް ޗަޕެލް ފައްޅިއަށެވެ. ވިންޑްސޯރ ކާސަލްއަކީ ރާނީގެ ގޭގެ ގޮތުގައި ބައްލަވައިގެން އުޅުއްވި ތަނެވެ.

ވިންޑްސޯރ ކާސަލްގެ އެތެރޭގައި ހުންނަ އެސްޓީ ޖޯޖް ޗަޕެލް ފައްޅިއަކީ ކިންގ އެޑްވަޑް IVގެ ރަސްކަމުގައި 1475 ވަނަ އަހަރު ބިނާކުރަން ފެށުނު ފައްޅިއެކެވެ. އޭގެ 50 އަހަރު ފަހުން މި ފައްޅި ބިނާކޮށް ނިންމާފައިވަނީ ކިންގ ހެންރީ VIIIގެ ރަސްކަމުގައެވެ.

މިއީ ރާނީގެ ސަންދޯއް މިއަދު ކުރަމުންދާ ދަތުރުގެ އެންމެ ފަހުގެ މަންޒިލެވެ. މި ފައްޅީގައި ބޭއްވޭ އަޅުކަމަށްފަހު ރާނީ ފަސްތާނު ލުމަށް ހަމަޖެހިފައިވަނީ، ފިރިކަލުން ޕްރިންސް ފިލިޕްގެ އަރިހުގައެވެ. ފަސްތާނުލާއިރު ތިއްބަވާނީ އެންމެ ގާތް އާއިލީ ބޭފުޅުން އެކަންޏެވެ.

ރާނީގެ ސަންދޯއް އެސްޓީ ޖޯޖް ޗަޕެލްއަށް ގެންދެވުނުއިރު ފަހަތުން ކިންގ ޗާރލްސްއައި އަނބިކަބަލުން ކެމިލާއާއި، ޕްރިންސް ވިލިއަމްގެ އިތުރުން ޕްރިންސް ހެރިވެސް ހިންގަވާފައި ވަޑައިގެންފައި ވެއެވެ.

މިހާރު ކުރިޔަށްދާ އިނގިރޭސި ރާނީގެ ޖަނާޒާގައި ދުނިޔޭގެ 100 ގައުމެއްގެ އެންމެ އިސްވެރިންގެ އިތުރުން 20 ގައުމަކުން ޝާހީ އާއިލާގެ އެންމެ އިސްބޭފުޅުން ހިމެނޭގޮތަށް، 200 ގައުމަކުން 500 އިސް އޮފިޝަލުން ބައިވެރިވާކަމަށް އިނގިރޭސި ފޮރިންގ އޮފީހުން ހާމަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ