ދުނިޔޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ޓްރެކްކުރި ފްލައިޓަކަށް، ފާއިތުވެދިޔަ ހަފްތާގައި އަވަހާރަވި އިނގިރޭސި ރާނީގެ ސަންދޯއް އުފުލި ފްލައިޓް ވެއްޖެ ކަމުގައި، ފްލައިޓްތަކުގެ ޓެރެކިންގ މައުލޫމާތު ބަލަހައްޓާ ވެބްސައިޓް Flightradar24 އިން ބުނެފިއެވެ.
މި ވެބްސައިޓުން ބުނެފައިވާ ގޮތުގައި، ރާނީގެ ސަންދޯކާއެކީ އިނގިރޭސިވިލާތުގެ އެޑިމްބާރގުން އާރުއޭއެފް ނޯތޮލްޓަށް ދަތުރު ކުރި ފްލައިޓް އެއަރޕޯޓުން ނައްޓާލިތާ މިނިޓެއްހާއިރު ތެރޭގައި 6 މިލިއަނާއި ގާތްކުރާ އަދަދަކަށް މީހުންދިޔައީ މި ފްލައިޓް ދަތުރު ކުރަމުންދިޔަ މަގު ބަލަމުން ކަމުގައެވެ.
ޖައްވުގައި ދަތުރު ކުރަމުންދާ މަތިންދާ ބޯޓުތައް ދަތުރު ކުރަމުންދާ މަގު ވަގުތުން ބެލުމުގެ ފުރުސަތު ލިބޭ މި ވެބްސައިޓުން ބުނެފައިވާ ގޮތުގައި، ރާނީގެ ސަންދޯކާއެކީ ދަތުރުކުރަމުންދިޔަ ފްލައިޓް ދަތުރު ކުރަމުންދިޔަ މަގު ޓްރެކް ކުރުމަށް ބޭނުންވި ފަރާތްތަކުގެ އަދަދު ގިނަކަމުން، ޓްރެފިކް މަތިވެގެން ގޮސް ސައިޓުގެ ހިންގުންވެސް ހުއްޓުމަކަށް އައިސްފައި ވާކަމުގައެވެ.
މި ވެބްސަައިޓް މެނޭޖްކުރާ ފަރާތުން ބުނެފައިވާ ގޮތުގައި، ރާނީގެ ސަންދޯކާއެކީ ދަތުރުކުރި ފްލަައިޓް ކުރަމުންދިޔަ ދަތުރު، 4.79 މިލިއަން މީހުން ވެބްސައިޓާއި އެޕްލިލޭޝަން މެދުވެރިކޮށް ބަލާފައިވާއިރު، މި ފްލައިޓް ކުރަމުންދިޔަ ދަތުރު އެވެބްސައިޓުގެ ޔޫ ޓިއުބް ސްޓްރީމް މެދުވެރިކޮށް 296,000 ބަލާފައި ވާކަމުގައެވެ.
މީގެ ކުރިން، އެންމެ ގިނަ މީހުން ޓެރެކް ކޮށްފައި ވުމުގެ ރެކޯޑް ގާއިމް ކޮށްފައިވަނީ ފާއިތުވެދިޔަ އޮގަސްޓުމަހު، އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސާ ނާންސީ ޕެލޯސީ ޓައިވާނަށް ދަތުރުކުރި ފްލައިޓެވެ. މި ފްލައިޓްގެ ދަތުރު Flightradar24 މެދުވެރިކޮށް 2.2 މިލިއަން މީހުން ޓްރެކް ކޮށްފައި ވެއެވެ.
އިނގިރޭސިވިލާތުގެ އެޑިމްބާރގްގެ އެސްޓީ ގައިލްސް ކެތެޑްރަލްގައި ބޭއްވުމަށްފަހު ލަންޑަނަށް ރާނީގެ ސަންދޯއް ގެންދިއުމަށްޓަކާ ދަތުރު ކޮށްފައިވަނީ އާރުއޭއެފް ގްލޯބްމާސްޓަރ C-17 މަރުކާގެ ފްލައިޓެއްގައެވެ.
ރާނީ ދަތުރު ކުރަމުންދިޔަ ފްލައިޓުގައި، ރާނީގެ ސަންދޯކާއެކީ ދަތުރު ކުރައްވާފައިވަނީ ރާނީގެ ދަރިކަނބަލުން ޕްރިންސް އޭންއާއި ފިރިކަލުން ސާރ ޓިމޮތީ ލޯރެންސްއެވެ.
Flightradar24 އިން ބުނެފައިވާ ގޮތުގައި ރާނީގެ ސަންދޯކާއެކީ ދަތުރުކުރި ފްލައިޓް ދަތުރަށް ނައްޓާލުމުގެ ކުރިން، ޕްލެޓްފޯމްގެ ހިނގުން ހުއްޓުމަކަށް އަޔަ ނުދިނުމަށްޓަކާ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގައެވެ.