ރާނީގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ

ރާނީގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2022 01:30
0

އިނގިރޭސި ރާނީ އެލިޒަބަތު IIގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާކަން ރައީސް އޮފީހުގެ ތަރުޖަމާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރާނީގެ ފަސްދާނުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައެވެ.

ރަސްމީ ޢިއްޒަތުގައި ރާނީ ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 19ގައެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައެވެ. މި ޖަނާޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި، ޓީވީގެ ޒަރީއާއިން ޖަނާޒާ ވަގުތުން ދުރަށް ފޮނުވާނެއެވެ.

ރާނީގެ ހަށިކޮޅު ފަސްދާނުލުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ ރާނީގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަވަނައިގެ ހަނދާނުގައި ބިނާކޮށްފައިވާ ފައްޅީގައެވެ. އެ ތަނުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނީ ޝާހީ ޢާއިލާގެ މެންބަރުން އެކަންޏެވެ.

70 އަހަރުގެ ދިގު ރަނިކަމެއް ކުރެއްވި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ ސެޕްޓެންބަރު 8ވަނަ ދުވަހުއެވެ. އުމުރުފުޅުން 96 އަހަރުގައެވެ. ރާނީ އަވަހާރަވުމުން، ރަސްކަން ލިބިވަޑައިގަނެފައި ވަނީ ދޮށީ ދަރިކަލުން އަދި ވަލީއަޙުދު ޗާލްސްއަށެވެ. ޗާލްސްއަކީ އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ ރަސްގެފާނު ކަން ރަސްމީކޮށް ކަނޑައަޅައި، އެކްސެޝަން ކައުންސިލުން އެ ކަން ރަސްމީކޮށް އަންގައި، އިޢުލާނު ކޮށްފައި ވަނީ ސެޕްޓެންބަރު 10ވަނަ ދުވަހުއެވެ.

އެލިޒަބަތު އެލެގްޒެންޑްރާ މޭރީ ވިންޑްސަރ އުފަންވެ ވަޑައިގަތީ 1926 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21ވަނަ ދުވަހުއެވެ. ރާނީ އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކޮށްފައި ވަނީ 2022ވަނަ އަހަރުއެވެ. އެ ކަމަނާގެ ރަނިކަމަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް، އެންމެ ދިގު ރަނިކަމެވެ. ރާނީއަކީ، ދިވެހި ދަޢުލަތުގެ އެންމެ މަތިވެރި ޢިއްޒަތް ކަމުގައިވާ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.