ތިން ފުލުހަކަށް އިންޒާރުދިން މީހަކު 6 މަހަށް ޖަލަށް

ތިން ފުލުހަކަށް އިންޒާރުދިން މީހަކު 6 މަހަށް ޖަލަށް

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2020 03:12
0

ތިން ފުލުހަކަށް އިންޒާރު ދިން މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން އޮކްޓޯބަރު 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށެވެ.

ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް، އިންޒާރުދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، 2019 ޑިސެމްބަރ މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ، މިމައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ވަޙީދު އިބްރާހީމް ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިޢުތިރާފުވެފައިކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން އިންޒާރު ދިނުމުގެ ކުށް ޝަރީޢަތަށް ސާބިތު ވާކަމަށެވެ.

މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ އިންޒާރު ދިނުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 17 / 2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް (މިއީ މީނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވުމުން) އެ ގާނޫނުގެ ދަށުން މުޙައްމަދު ވަޙީދު އިބްރާހީމް، 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.