ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓް 100 ރަށު ކައުންސިލަކުން ހުށަހަޅާފައި ނުވާކަމަށް އެލްޖީއޭއިން ހާމަކޮށްފިއެވެ.
ލާމަރުކަޒީ އުޞޫލުން އިދާރީދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ހުށަހަޅަނ ްޖެހެއެވެ. އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަން ޖެހެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގައި ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅާފައިވާކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.
މީގެި އިތުރުން މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްތަކަށް ފޮނުވި ނަމަވެސް އެ ރިޕޯޓް އަތޮޅު ކައުންސިލުން އެލްޖީއޭ އަށް ލިބިފައިވާ ނުވާ ރަށު ކައުންސިލްތައް ހުރި ކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ތެރެއިން 15 އަތޮޅު ކައުންސިލަކުން ރިޕޯޓް ހުށަހަޅާފައިވާއިރު، 79 ރަށު ކައުންސިލަކުން ވަނީ މި މުއްދަތުގައި ރިޕޯޓް ހުށަހަޅާފައެވެ. މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވަނީ 5 އަތޮޅު ކައުންސިލަކާއި، 100 ރަށު ކައުންސިލަކުންނެވެ.
ކޮމެންޓު ފޮނުވާ