ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އަރައިފި

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އަރައިފި

Author
މުޙައްމަދު ޖިމީ
06 އޮކްޓޯބަރ 2020 01:27
0

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތަކާއި ގުޅިގެން ދައުލަތުން ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުން ކުރި ޚަރަދުތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ޢާންމު ކުރި ރިޕޯޓްގައިވާގޮތުން މިމަހުގެ ފުރަތަމަ ދުވަހާއި ހަމައަށް ސިއްޙީ ދާއިރާއަށް އެކަނިވެސް 1.28 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެއޮތޯރިޓިން ވަނީ ކޯވިޑާއި ގުޅިގެން މިހާތަނަށް 778.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. އެމިނިސްޓްރީން ކުރި ޚަރަދު ވަނީ 200.4 މިލިއަނަށް އަރާފައެވެ. އަދި ސަރުކާރުގެ މައި ހޮސްޕިޓަލުން ކުރި ޚަރަދުތައްވެސް 74 މިލިއަނަށް އަރައެވެ.

ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން އައި ލޮޅުމުން އަރައިގަނެ އެދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ 1.03 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އެދާއިރާއިން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަވަރީ ލޯން ސްކީމަށެވެ. އެސްކީމަށް 900 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށްދޭ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 101.3 މިލިއަން ރުފިޔާ ދޫކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، ކަރަންޓް ބިލުގެ ޑިސްކައުންޓަށް ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީގެ ގޮތުގައި 34 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެހެންކަމުން ސިއްޙީ ދާއިރާއިންނާއި އިޤްތިޞާދީ ދާއިރާއިން ކޯވިޑަށް 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިދިޔަ މަހު އެކަނިވެސް 106 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކޯވީޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. އަދި ދައުލަތުގެ ޚަރަދުތައްވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރަގަތުމަށްޓަކައި ޚަރަދު ކުޑަކުރުމަށް އިތުރު އައު ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ އިދާރާތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.