ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާނަމް އިސްލާމީ ކަންކަމަށް ނުފޫޒު ނުފޯރާނެގޮތަށް އިދާރާއެއް އުފެއްދުމަށް ޤާނޫނު އަސާސީއަށް ބާބެއް އިތުރުކުރަން ފެންނަކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމަކުން ބަރުލަމާނީއަށް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ހުށައެޅުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އަދި ބަރުލަމާނީ ނިޒާމުގެ އިޞްލާހުތައް ވަނީ މިއަދު އާންމުކުރައްވާފައެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ކުރާ މަސައްކަތަށް އިޝާރާތްކުރައްވާ ކުރީގެ އިސްލާމިކް މިނިސްތަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލު އަންނަ ނަމަ، ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމަށް، ސިޔާސީ ނުފޫޒު އެއްގޮަތަކަށް ވެސް އެތަނުގެ މައްޗަށް ނުހިނގާ އިދާރާއެއް ޤާނޫނު އަސާސީގެ މިނިވަން މުސްތަޤިއްލު ކައުންސިލްތަކުގެ ބާބަށް އިތުރުކުރަން ފެންނަކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ރައީސް ނަޝިދު ބޭނުންފުޅުވާ އިޞްލާހު ހުށައަޅަނީ މިމަހު 19ގައި ފެށޭ އެމްޑީޕީ ކޮންގްރެސްއަށެވެ. ރައީސް ނަޝީދު އާންމު ކުރެއްވި އެ އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރެއްވުމާއި، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ރައީސްއަށް ދެއްވުން ހިމެނއެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ކޮންމެ މިނިވަން މުއައްސަސާއަކަށް ބޭފުޅުން އައްޔަންކޮށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުގެ ބަދަލުގައި ރައީސްއަށް ފެނިވަޑައިގަންނަވާ ބޭފުޅުން އައްޔަންކުރެއްވުމަށް ހިމަނާފައިވާކަމަށެވެ. އަދި ފޮރިން ރާއްޖެިން ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅުން ބަދަހިކޮށް ސަފީރުންނަށް ފަތްކޮޅު އެރުވުމަކީވެސް ރައީސްގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ފޮރިން މިނިސްޓަރަކު އައްޔަންކުރައްވާނީވެސް ރައީސްގެ މަޝްވަރާގެ މަތިންކަމަށް ނަޝީދު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ބަޔާންކުރާނެ ރައީސްގެ ބާރުތައް:
– ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ އެންމެ މަތީވެރިޔާ
– ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުން
– ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން
– ސަފީރުން އައްޔަންކުރުން
– ސަފީރުންގެ ފަތްކޮޅު ބަލައިގަތުން
– ކޮމިޝަންތަކާއި މަގާމްތަކަށް މީހުން އައްޔަންކުރަން މަޖިލީހަށް ފޮނުވުން
– ތަހުގީގީ ކޮމިޝަންތައް އުފެއްދުން
– ގައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންގެ ވޯޓު ނެގުން
– ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން
– އިނާމާއި ޝަރަފާއި ލަގަބާއި މެޑަލް ދިނުން
– ޖިނާއީ ކުށްތަކުގައި ހުކުމްކޮށްފައިވާ ފަރާތްތަކަށް މާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުން
– ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތް ހިންގުމަށް ނުކުޅެދޭ ފަދަ ކަމެއް މެދުވެރިވުން ފަދަ ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލިސް އުވާލުން.
މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ، ބޮޑުވަޒީރު ހިންގާ ގޮތަށް ސަރުކާރު އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެން ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުންކަމަށެވެ. އެއްވެސް ޕާޓީއަކަށް އެ އަދަދަށް ގޮނޑި ނުލިބިއްޖެ ނަމަ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީއަކާ ނުވަތަ ޕާޓީތަކަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އޮންނަ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ހިމެނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީ ކޮންގެސްއިން ތާއީދުކުރައްވާނެކަމަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލްވެސް އެކަމަށް ތައީދުކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގަތެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް މިއަހަރުގެ ތެރޭގައި ނަގައި، އަންނަ ފެބުރުއަރީ މަހު އިންތިޤާލީ ބަރުލަމާނީ ނިޒާމުގެ ސަރުކާރެއް އެކުލަވާލެވޭނެކަމަށެވެ. އަދި 2023ގެ އިންތިޚާބަށްފަހު ދާއިމީކޮށް ބަރުލަމާނީ ނިޒާމަށް އަމަލުކުރަން ފެށޭނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައިބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންވެސް ތާޢިދުކުރައްވައެވެ.
މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމް ނިންމާފައިވަނީ ރައްޔިތުންގެ ވޯޓަކުންކަމަށާއި، އެކަން ބަދަލުކުރެވޭނީވެސް ރައްޔިތުންގެ ވޯޓަކުންކަމަށެވެ.
ކޮމެންޓު ފޮނުވާ